ގިނަ އަދަދެއްގެ ބަޔަކާއި އެކު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒުގެ " ދިވެހީންގެ ރާއްޖެ" މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. މެނިފެސްޓޯ ލޯންޗުކުރުމަށްފަހު ވާހާކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ދިވެހީންގެ ރާއްޖެ ނަމުގައި މި މެނިފެސްޓޯއަށް ނަން ދީފައިވަނީ ރާއްޖޭގެ މިހާރުގެ ހާލަތައް ވަރަށް ފުންކޮށް ވިސްނުމަށް ފަހުގައި ކަމަށެވެ. އަދި މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަކީ، އެތައް ފަންނުވެރިން ގެ ބޮޑެތި ދިރާސާތައް ކޮށް ލިޔެފައިވާ ކަންތައްތައް ކަމަށާއި، އެބޭފުޅުންނަށް ކޮށްނުދެވޭވެ ކަމަކަށް ރައްޔިތުންނަށް ވައުދު ނުވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ދިވެހީންގެ ރާއްޖެއެއް ހޯދައި ދިނުމަށް ނުކުމެތިބީ، ސިޔާސީ ވިސްނުން ދޫކޮށް ގައުމަށް ހެޔޮ އެދިގެން ކަަމަށެވެ.

"ވައުދެއް ނުވާނަން ވައުދު ފުއްދާނެ ގޮތް ނޭގިއެއް. މެނިފެސްޓޯ ގައި ހިމަނާފައިވާ ކޮންމެ ކަމެއް ލިޔެފައިވާނީ، ފަންނީ އެތައް ދިރާސާތަކެއް ކޮށްގެން."

މީގެ އިތުރުން މި މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމެއް ގޮތުގައި ފާހަގަކޮށްފައިވާ ކަންތައްތައްކީ ޒުވާނުުންނާއި، އަންހެނުންނާއި މަސްވެރިން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ރާއްޖޭގައި ހައްލުކުރަންޖެހޭ އެތައް މައްސަލަތަކެއް ހުރިކަން މުއިއްޒުވަނީ ފާހަގަކޮށްފައެވެ.  އެގޮތުން އެ ހުރިހާ މައްސަލަތަކެއްގެ ހައްލަކަށް ވެގެން ދާނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން ކަމަށާއި، އެބޭފުޅުންގެ ސަރުކާރުގައި އެންމެ އިސްކަންދޭނެ އެއް ކަމަކީ އެއީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ. އެކަން ހައްލުކުރުވުން އިޖުތިމާއީ އަދާލަތާ ގުޅޭ ކަންކަމާ، އިގްތިސާދީ ކަންކަމާ، ޒުވާނުންނާއި، މަސްތުވާ ތަކެއްޗާއި އަދިވެސް ބޮޑެތި ހުރިހާ ކަންކަމެއް ރަނގަޅު ކުރެވިގެންދާނެ. \

މިގެ އިތުރުން ގެދޮރުވެރިކަމަކީ، ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިފައިވާ ހައްގެއް ކަމަށާއި އެ ބޭފުޅުންގެ ސަރުކާރެއްގައި އެކަމަށް ބޭނުން ޖެހިފައިވާ ހުރިހާ ފަރާތްތަކަށް އެކަން ކޮށްދޭނެ ކަަމަށެވެެ.