ރައީސް ިއބްރާހިމް މުހައްމަދު ޞޯލިހްގެ ވެރިކަން ނިމެން ކުޑަތަންވެފައިވާ އިރުވެސް، މިވީ 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ އުންމީދުތައް ހާސިލްވެފައި ނުވާކަމަށް، ޑިމޮކްރެޓްސް ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ހެންވޭރު މައިޒާން ދޮށުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން، އިމްތިޔާޒް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވިދާޅުވެ ބޮޑެތި ވައުދުތައް ވެފައިވާ ކަމަށާއި، ނަމަވެސް، އެ ވައުދުތައް ފުއްދިފައި ނުވާކަމަށެވެ.

އަދި ގައުމުގެ ބޮޑެތި މައްސަލަތައް ހުރިއިރު އެފަދަ މައްސަލަތަކަށް ސަރުކާރުން އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށާއި، އެގޮތުން ވައްކަމާއި ކޮރަޕްޝަންގެ އެތައް ކަމެއް މިފަހުންވެސް ހިނގާފައިވާއިރު، އޭގެން ކަމަކަށް ފިޔަވަޅެއް އަޅާފައި ނުވާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފަށާފައި ހުރި ނަމަވެސް އެތަންތަނުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށާއި، އަދި އެފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ވަރެއްގެ ރޭވުންތެރިކަމެއް ނެތިވެ ކަމަށްވެސް އިމްތިޔާޒް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީއާއި ޚިލާފަށް ޑިމޮކްރެޓްއަކީ، ކަންކަން ކުރުުމުގައި، ވިސްނުމާއި ޚިޔާލާއި އެކު ކުރިއަށްދާ ބައެއްގެ ގޮތުގައި އިމްތިޔާޒް ވިދާޅުވިއެވެ.