އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް އެރަށުން އެބޭފުޅާއަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އަންނަ މަހު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު މިއަދު ހަވީރު އައްޑޫއަށް ވަޑައިގެންނެވި އިރު ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އިސްތިގުބާލުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދަށް އެއްވެފަ އެވެ.
ކެމްޕެއިނަށް ޑރ. މުއިއްޒު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުން ވެސް ވަނީ ވަރަށް ބޮޑު ތާއީދެއް ފެނިގެން ގޮސްފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް، ރައީސަށް ނުކިޔާހާ ހޫނު މަރުހަބާއެއް ގިނަ ރަށްރަށުން މުއިއްޒަށް ކިޔެވެ.
އެހެންކަމުން، ދެކުނުގެ އަތޮޅުތަކުން ވެސް އެ ތާއީދު ލިބިއްޖެ ނަމަ އެއްބުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ކޯލިޝަނަށް ކާމިޔާބު ވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އައްޑޫ ތަރައްގީ ކުރުމަށް އެންމެ ރަނގަޅު ތަޞައްވުރެއް ގެންގުޅުއްވާ ފަރާތަކީވެސް މުއިއްޒު ކަމަށް އެބޭފުޅާ ވަނީ މިއަދު ވިދާޅުވެފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ އެ ދަތުރުގެ ތެރެއިން އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
އަދި ހިތަދޫގައި ބޮޑު ޖަލްސާއެއް ބާއްވައި، އެހެން ރަށްތަކުގައި ވެސް ކޮންމެ ރަށަކަށްވެސް ޒިޔާރާތްކޮށް، ރައްޔިތުންނާ ބައްދަލުކުރުމަށް ރާވާފައިވާ ކަމަށާއ އަދި އެ ބައްދަލުވުންތަކުގެ ތެރެގައި ރައްޔިތުންނާ މަޝްވަރާކޮށް، އިދިކޮޅުގެ ސިޔާސަތުތައް ހިއްސާކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"އުންމީދަކީ މި ދަތުރުގައި އައްޑޫ ސިޓީން ތަރުހީބު އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް. އަދި ހާއްސަކޮށް 9 ސެޕްޓެމްބަރުގައި އޮންނަ ވޯޓުގައި މިފަހަރު ޕީޕީއެމް/ޕީއެންސީއަށް ރަނގަޅު ކާމިޔާބެއް އައްޑޫ ސިޓީ ރައްޔިތުންގެ ފަރާތުން އިތުބާރާއެކު ދެއްވާނެ ކަމަށް. އެއީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި އެންމެ ރަނގަޅު ވިސްނުންތަކެއް ހުށަހަޅާ ބަޔަކީ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވި އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.