ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔާއި އެއަތޮޅު ކޫއްޑޫ ބްރިޖަކުން ގުޅާލާނެކަމަށް ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދަ ޑިމޮކްރޭޓްސްގެ ރަނިންމޭޓް ހުސެން އަމްރު ވައުދުވެއްޖެއެވެ.

އަތޮޅުތަކަށް މިހާރު ކުރަމުންދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ގއ އަތޮޅަށް މިއަދު  ވަޑައިގެން ގއ.ވިލިނގިލީގެ ގިނަ ރައްޔިތުންތަކަކާ ބައްދަލުކޮށް ވާހަކަ ދައްކަމުން އަމްރު ވިދާޅުވީ މަސްފެކްޓްރީއެއްގެ އިތުރުން އެއާޕޯޓަކާއި ރިސޯޓެއް ހިންގަމުން ގެންދާ ކޫއްޑޫ ވިލިނގިއްޔާ ގުޅާލުމަކީ 2018 ގައި ވެސް އެމްޑީޕީގެ ރިޔާސީ ވައުދެއްކަމަށެވެ.

އަދި އެވައުދާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ އެ މަޝްރޫއު އޮތީ ކުރިއަށް ދިއުމުގެ މަރުހަލާގައި ކަމަށެވެ. އެހެނަސް އެކަމަށް ހިނގާ ހަރަދު ވިލިނގިލީ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހަރަދުކޮށްފިނަމަ ފައިދާ ބޮޑުވެގެންދާނޭ ކަމަށް ރައީސް ސާލިހް ވިދާޅުވެފައިވާކަމަށް އަމްރު ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު އަމްރު ވިދާޅުވީ ބްރިޖުގެ މަސައްކަތް އަދިވެސް ނުފެއްޓި ލަސްވެގެންދަނީ އެކަން ކުރަން ނޭންގޭތީކަމަށެވެ.

ވިލިނގިލީ ތަރައްޤީގެ ކުރިމަގުގެ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މި ބުރިޖްއަކީ އިގްތިސާދީ ގޮތުން ކުރިއެރުން ވިލިނގިލީ ރައްޔިތުންނަށް ލިއްބައިދޭނެ ބްރިޖެއްކަމަށާއި މިހާރުވަނީ އެކަންކަމަށް ހުރަސްއެޅިފައިކަމަށެވެ. އަދި ހަމައެހެންމެ ކޫއްޑޫއަކީ ވަޒީފާގެ ފުރުސަތުތައް ގިނަ ރަށެއްކަމަށާއި ބްރިޖަކުން ގުލާލެވިއްޖެނަމަ ވިލިނގިލީ ރައްޔިތުންނަށް އެފުރުސަތު ހުޅުވިގެންދާނެކަމަށާއި ބުރިޖު ވެގެންދާނީ ޓުއަރިޒަމްއަށް ހުޅުވާލެވޭ ދޮރެއްކަމަށެވެ. އަދި ގިނަގުނަ ފައިދާތަކެއް ރައްޔިތުންނަށް ކުރާނެ ކަމެއްކަމަށް ވެސް އަމްރު ވަނީ ވިދާޅުވެފައެވެ.