ޒަމާނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ގުޅިގެން ބައެއް ފަރާތްތަކަށް، ޚާއްޞަކޮށް އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޚިދުމަތް ހޯދުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ސަރުކާރުގެ މުޅި ނިޒާމު ޑިޖިޓަލައިޒު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިމިގްރޭޝަނުން، އެ މުއައްސަސާގެ ޚިދުމަތްތައް ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާ ކުރުމަށް ގިނަ މަސައްތަކެއް ކުރަމުންދާއިރު، ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއްދީގެން އަންނަނީ، މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކިޔޫގައި މަޑުނުކޮށް، ވަގުތު ސަލާމަތްކޮށް، ގޭގައި ތިބެގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން، ޕާސްޕޯޓުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.

އެގޮތުން ޚާއްޞަކޮށް އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންލައިންކޮށް ޚިދުމަތް ހޯދުމުގައި ދަތިތަކާއި ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް، އިމިގްރޭޝަންގެ ހެޑް އޮފީހަށް ޚިދުމަތް ހޯދަން ދާ އިސްރަށްވެހިންނަށް ޕާސްޕޯޓު ފޮޓޯ ނެގުމާއި، އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމުގައި އިމިގްރޭޝަންގެ މުވައްޒަފުން ސީދާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، އިމިގްރޭޝަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާޙައުލެއް ޤާއިމުކޮށް، މަޢުލޫމާތާއި އިރުޝާދު ދިނުމަށް "އިންފޮމޭޝަން ކައުންޓަރެއް" ވެސް މިހާރު ވަނީ ޤާއިމްކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މި ގެނައި ބަދަލުތަކަކީ ޒަމާނީ އީޖާދުތަކުގެ އެހީގައި، އިތުބާރު ހުރި އަދި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.