އިންޑިއާ އިން ފިޔާ ލިބުން ތާށިވެ، އަދި އެ ގައުމުގައި ފިޔާގެ އަގު ބޮޑުވުމާއިއެކު މާލޭ ބާޒާރުގައި ވެސް ފިޔާގެ އަގު އިއްޔެއިން ފެށިގެން އުފުލިއްޖެ އެވެ.

މީގެ ދެ ދުވަހެއް ވަރު ކުރިން،. 25 ކިލޯގެ ފިޔާ ބަސްތާއެއް 225ރ. އަށް ލިބެން ހުއްޓަސް އިއްޔެ އިން ފެށިގެން ފިޔާ ބަސްތާއެއް ލިބެން ހުރީ 350ރ. އަށެވެ. އެއީ ކިލޯއަކުން 5ރ،. ގެ ބޮޑުވުމެކެވެ.

ފިޔާގެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން މިހާރު ވަނީ ފިޔާގެ އެކްސްޕޯޓް ޑިއުޓީ 40 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ފިޔާގެ އަގުބޮޑުވުމާ އެކްސްޕޯޓް ޑިއުޓީއާ ގުޅުމެއް ނެތް ކަމަށާއި، އަދި އޭގެ އަސަރު ނުކުރާނެ ކަމަވެ.

ހޯލްސޭލްކޮށް ފިޔާ އެކްސްޕޯޓް ކުރާ އަގު މިދިޔަ ޖުލައި މަހުން އޮގަސްޓުގެ ނިޔަލަށް 20 ޕަސެންޓަށް މައްޗަށް ޖެހިފައިވެ އެވެ. އިންޑިއާ އިން 100 ކިލޯގެ ފިޔާ ބަސްތާއެއް ލިބެނީ 28.87 ޑޮލަރު (444 ރުފިޔާ) އަށެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު އިންޑިއާއިން ވަނީ 1.46 މެޓްރިކް ޓަނުގެ ފިޔާ އެކްސްޕޯޓުކޮށްފަ އެވެ. އެ ގައުމުން ބަންގްލަދޭޝާއި ނޭޕާލް، މެލޭޝިއާ، ޔޫއޭއީ އާއި ލަންކާ އާއި ރާއްޖެ އަށް ވެސް ފިޔާ އެކްސްޕޯޓު ކުރެ އެވެ.