މީގެ 18 އަހަރުގެ ކުރިން ފެށިގެން ޑރ. މުޢިއްޒުއަކީ ވަރަށް ގާތް ބޭފުޅެއްކަމަށާއި، އެމަނިކުފާނަކީ މި ޒުވާން ޖީލުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަތިވެރި މަގާމަށް ކުރިމަތިލައްވާ އެންމެ ތަޢުލީމީ ފުރަތަމަ ޒުވާނާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ހުވަދޫ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ފުވައްމުލަކުގައި މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޝަހީމް ވިދާޅުވީ، މި ގައުމުގެ ތަރައްގީއާއި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަރައްގީގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޑރ މުއިއްޒުކަމަށެވެ. މީގެ އިތުރުން ޝަހީމް ވިދާޅުވީ، މުޢިއްޒު ފަދަ ޒުވާން ތަޢުލީމީ ބޭފުޅެއް ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެއްވުމުން ދިވެހި ރައްޔިތުން ފަޚުރުވެރިވާންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ދިވެހި ރައްޔިތުން، އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ބޭފުޅަކަށް ވާނެޖެހޭނެ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަގާމުގައި ހުންނަ ބޭފުޅާއަކީ ރައްޔިތުން އުފާވެރިވާންޖެހޭ މިންވަރަށް އިލްމުހުރި ތައުލީމީ ބޭފުޅަކަށް ވުމުން."
އަދި ގައުމުގެ ކަންތައްތައް ހަމަމަގަށް އަޅުވާ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ، އިލްމާއި ޙުނަރުހުރި ބޭފުޅަކަަށް ކަމަށެވެ. އެގޮތުން އިލްމުހުރި ބޭފުޅަކާއި އިލްމު ނެތް ބޭފުޅަކާއި އެތައް ތަފާތު ތަކެއް ހުންނާނެ ކަމަށާއި، އެއީ އިންސާނާގެ ބުއްދިވެސް ގަބޫލުކުރާނެ ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އެގޮތުން، ދައުލަތުގެ ވެރިޔަކަށް ހުންނަ މީހާއަކީ، އެއީ އެހެން މީހުންގެ މައްޗަށް އަމުރު ހިންގާ މީހަކަށް ވާންޖެހޭނެ ކަމަށާއި، އަދި އެ އެމިހާއަކީ ޚާރިޖީ ވަޒީރު އޮޕަރޭޓްކުރާ މީހަކަށް ވެގެން ނުވާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހާލަތައް ބަލައި، ރައީސުލްޖުމްހުރިއްޔާ ކަމަށް އެންމެ އެކަށޭނެ ބޭފުޅާއަކީވެސް މުޢިއްޒު ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"ޑރ. މުއިއްޒު އާއި އެކު ދެ ސަރުކާރެއްގައި ކެބިނެޓްގައި މަސައްކަތްކުރެއްވިން. އެހާ ހީވާގި މުރާލި އިލްމީ ބޭފުޅެއް އެ ސަރުކާރުގެ ކެބިނެޓްގައިވެސް ނުހުންނަވާނެ. ވަރަށް ކެރިގެން މި ދަންނަވަނީ. ވިލާތުން ޕީއެޗްޑީ ހައްދަވާފަ ރައީސް ޔަމީން އެންޑޯސް ކުރެއްވީމާ ދެން ނުޖެހޭ ޗުކްޗުކް ލައްވާކަށް."
މީގެ އިތުުރުން، ޝަހީމް ވިދާޅުވީ، ޢިލްމަށް އިހުތިރާމްކުރުމުގެ ގޮތުންވެސް، ރައްޔިތުން މުއިއްޒުގެ ފަހަތުގައި ނުކުމެ، 'ދިވެހީންގެ ރާއްޖެ" ދިވެހިންނަށް ހޯދަދޭންޖެހޭ ކަމަށެވެ.







ޚިޔާލު (1)
މިއޮއް ހުރިހާ ދުވަހު ފިލާއޮވެފައި މިހާރު މުއިޒު ގާތްމީހަކަށްވެގެން މިއުޅެނީ ކޮންމެވެސް މިނިސްޓަރެއްގެ މާގާމުގެ ދަހިވެތިކަމުގައި. މީނާއަށްވުރެ މާގާމުހައްގު އެތައްބައަކު ޕީޕީއެމްގައި އެބަތިބި.