ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް ތަރައްޤީކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އިފްތިތާޙްކުރައްވައިފިއެވެ. ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާޢިބް ފައިޞަލް ނަޞީމްއެވެ. މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ވެރިންނާއި ރާއްޖޭގެ ބޭންކުތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
'ފަވަރަ' އަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބިދިނުމަށް މަގު ފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.
މި ސިސްޓަމް އިފްތިތާޙް ކުރުމަށް ބެއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ޙާޝިމް ވިދާޅުވީ މި ސިސްޓަމްއިން މާލީ ދާއިރާއަށް ޒަމާނީ ބަދަލުއައިސް އީޖާދީ އެތައްކަމެއް ތަޢާރަފް ވެގެންދާނެކަމަށެވެ.
"ދުނިޔޭގެ ހުރިހާ ހިދުމަތްތައް ވެސް ދަނީ ޑިޖިޓަލައިޒޭޝަނާ ދިމާލަށް. އެމްއެމްއޭއިން ވެސް މަސައްކަތް ކުރަނީ ރާއްޖޭގެ މާލީ ދާއިރާވެސް އެ ދިމާލަށް ގެންދިއުމަށް. ޕޭމަންޓް ސިސްޓަމެއް ތައާރަފްކުރުމަކީ ބޮޑު ބަދަލެއްގެ ފެށުން."އެމްއެމްއެގެ ގަވަރުނަރު އަލީ ޙާޝިމް ވިދާޅުވިއެވެ.
އެމްއެމްއޭއިން ބުނީ ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމު ކުރުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ނުވަތަ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށްވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވައި، ލިބިގަތުމުގެ މަގު ފަހިކޮށްދިނުންކަމަށެވެ. އަދި މި ސިސްޓަމް ވުޖޫދަށް އައުމާއެކު ރާއްޖޭގެ ޕޭމަންޓް ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި ތަފާތު ޒަމާނީ އަދި ޑިޖިޓަލް ޕޭމަންޓު ޚިދުމަތްތައް ތައާރަފުކުރުމަށް ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.