އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން، ކާމިޔާބު ވެއްޖެނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤްތިޞާދުގެ މައި އެއް ތަނބުކަމަށް ހައްދަވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. ދަ ޑިމޮކްރެޓްސްގެ މައްޗަންގޯޅި ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ޑިމޮކްރެޓްސްގެ މެނިފެސްޓޯ އާއި ވައުދުތައް ރައްޔިތުންނަށް ތަފްސީލްކޮށްދެއްވަމުން އިލްޔާސް ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި އެކުލަވާލެވިފައިވާ "ފަސޭހަ ވިޔަފާރި" ސިޔާސަތުގެ ދަށުން ރައްޔިތުން ހިންގަން ބޭނުންވާ ކުދި ވިޔަފާރިތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮއްދޭނެކަމަށެވެ. އަދި، އެ ވިޔަފާރިތައް ގިނަވުމަކީ ރައްޔިތުންގެ އާމްދަނީ އިތުރުވާނެކަމެއްކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރާއްޖޭގެ އިގްތިޞާދުގެ މައި އެއް ތަނބަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ބައިވަރު ކުދި ވިޔަފާރިތައް، އަމިއްލަ ވިޔަފާރިތައް، ބައިވަރު ފަރާތްތައް އުފައްދާ، އެމީހުންނަގާ ކޮޅަށް ޖަހާ، އެއީ އިގްތިޞާދުގެ މައި އެއް ތަންބު ކަމުގައިވާ، އެއް ސެކްޓަރއަށް ހެދުމަށް. އޭގެ މަންފާ ދިވެހި އާންމު ރައްޔިތުންނަށް ލިބުގެންދާނެ" އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތުގެ ދަށުން، ކުދި ވިޔަފާރިތައް ހިންގަން ފަސޭހަކުރުމުގެ ގޮތުން އެންމެ ކުދި ވިޔަފާރިތަކުން ޖީއެސްޓީ ދެއްކުން ނިމުމަކަށް ގެންނާނެކަމަށާއި، އަދި ކުދި ވިޔަފާރިތަކަށް އަންނާނެ ތަރައްޤީއާއި ކުރިއެރުންތަކާއި، ޓޫރިޒަމް އިންވެސްޓަރުން ދައްކަންޖެހޭ ޓީޖީއެސްޓީ 3 އަހަރަށް މަޢާފްކޮށްދެއްވުމަށްވެސް އިލްޔާސް ވަޢުދުވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އިލްޔާސް ވިދާޅުވީ، ރާއްޖޭގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާމުގައިވީ ނަމަވެސް އޭގެނަ އެންމެ ފުރިހަމަ އާމްދަނީ ރައްޔިތުންނަށް ލިބިގެން ނުދާކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.