ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް އާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމަުން، މާރިޔާ ވިދާޅުވީ ޓީވީ ޗެނަލްތަކުން ބާއްވާ ބަހުސްގައި ރައީސް ބައިވެރިވެވަޑައި ނުގެންނެވިނަމަވެސް، ޤައުމީ ޔުނިވާސިޓީން ބާއްވާ ބަސްހުސްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
"ޔުނިވާސިޓީއަކީ ޢިލްމީ ބަހުސެއް ހިނގާނެ ތަނެއް. ޔުނިވާސިޓީތަކުގައި ޢިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިޝްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއްނޫން." މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.
ޕީއެސްއެމާއި ޤައުމީ ޔުނިވާސިޓީ ގުޅިގެން އިންތިޒާމްކުރާ ބަހުސްގައި އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންވެސް މިހާރު ވަނީ ދަޢުވަތު ޤަބޫލުފުޅު ކުރައްވާފައެވެ. ރިޔާސީ ބަހުސް އޮންނާނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ރޭ 21:00ގައި ޕީއެސްއެމްގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.