ގދ.ގަމަކީ އެއަތޮޅު ގައްދޫ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ހަދާ މުޅި އަތޮޅަށް ނަފާ ލިބޭނެ ރަށަކަށް އެރަށް ހަދައިދޭނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ގދ.ގައްދުއަށް ވަޑައިގެން، ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ، ގަން ވެގެންދާނީ ގައްދޫގެ ރައްޔިތުންގެ އިޤްތިޞާދީ، ފުދުންތެރި އަދި ޒުވާނުންގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރާ ހުރިހާ އުންމީދެއް ހާސިލްކުރެވޭނެ ތަނަކަށް ކަމަށެވެ.
“ގަމަކީ މިރަށުގެ ތަނެއްގެ ގޮތުގައި ކަނޑައަޅާނަން. އަދި އޭގެ ނަފާ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވީޔާ ވާގޮތަށް ބައްޓަން ކުރެވި އުމްރާނީ ތަރައްގީއާ އިގްތިސާދީ ކުރިއެރުމަށް ފައިދާ ކުރާނެ.” ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ..
މީގެ އިތުރުން، ގައްދުއާއި އެސަރަހައްދުގެ ޓޫރިޒަމް ފުޅަކުރެއްވުމަށާއި، އަދި ގައްދޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ގައްދޫގައި ހޮސްޕިޓަލް އެޅުމަށް ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހަދައި، މާވާރުލު އެއާރޕޯޓް އަސާސީ ލެވެލްގެ ގިނަ ކަންކަން އަދިވެސް ފުރިހަމަ ނުވެހުރިކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި އެއާޕޯޓް ފުރިހަމަ ކޮއްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.