އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ޑރ. މުޢިއްޒުއަށް ވޯޓު ދޭނީ، އެއީ ކަމަށް ގާބިލް، އަދި ވާޖިބު އަދާކުރެއްވުމުގައި، ލާމަސީލު ނަމޫނާއެއްގެ ވެރި ދިވެހި ރައްޔިތަކަށް ވާތީކަމަށް، ގދ.އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވެއްޖެއެވެ.
ތިނަދޫގައި މިރޭ ކުރިއަށް ދާ، ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިހަތު ވިދާޅުވީ، ބޭރުގެ އަސްކަރިއްޔާއަށް ނޫނެކޭ ވިދާޅުވަން ކެރޭނެ ހަމައެކަނި، ފަރާތަކީ މުޢިއްޒު ކަަމަށެވެ.
މީގެ އިތުރުން، ފައިހަތު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކޮށްދެވޭނެ ހަމައެކަނި ބޭފުޅަކީ މުއިއްޒު ކަމަށާއި، އެގޮތުން ޑރ.މުޢިއްޒަކީ އޭނާގެ އަމާނާތްތެރިކަމާމެދު ޝައްކު އުފެދޭނެ މާޒީއެއް އޮތް ބޭފުޅެއް ނޫންކަމަށްވެސް ފައިހަތު ވިދާޅުވިއެވެ.
އަދި ރައީސް ޔާމީންގެ ސަރުކާރުގައިވެސް މުއިއްޒުގެ ވާފަތެރިކަމާއި، މަސައްކަތުގެ ޝައުގުވެރިކަން ފެނިގެން ގޮސްފައިވާ ކަމަށާއި، އެގޮތުން، އެބޭފުޅާއި ހަވާލުކުރެވުނު ކޮންމެ މަސައްކަތެއްމެ ވަރަށް ފުރިހަމަ ކަމާއިއެކުކޮށް ނިންމާފައިވާ ކަމަށްވެސް ފައިހަތު ވިދާޅުވިއެވެ.
“އެއްވެސް ބޮތްކެއް ގަންނައިރުގައި އޭގެ އަލިކަމެއް ނޭނގޭނެ. އެކަން އެނގޭނީ ޓެސްޓުކޮށްލީމައި. ޑރ.މުޢިއްޒަކީ އެތައް އެތައް އިމްތިޙާނަކުން އެމަނިކުފާނު ފާސްވެވަޑައިގަތް. އަޅުގަނޑުމެން އެތަން ދުށީމު،”
ޑރ. މުއިއްޒުގެ އިސްނެންގެވުމާއި އެކު ރާއްޖޭގައި ނިމިގެންދިޔަ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި، ހުޅުމާލެ ބުރިޖާއި، ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ދަރުމަވަންތަ ހޮސްޕިޓަލު ފަދަ ގިނަގުނަ މަޝްރޫޢުތައް ފައިހަތުވަނީ ފާހަގަކޮށްފައެވެ.
“ދިވެހިން ނިންމަނީ ކެންޑިޑޭޓު 4 އަށް ވޯޓުދޭން. އެއީ މިދީބުގެ މިނިވަންކަން ދަމަހައްޓަން. ދިވެހިންގެ ޚުލްޤު ހެޔޮ ގޮތްތައް ދިރުވަން. ދިވެހިންގެ އާއިލީ ލޯބިން ހިނިތުންވަން. ދިވެހިން ޤަދަރާއި ޝަރަފު އުދަރެސްތަކުގައި ވިދުވައި ބަނބުޅުވަން،” ފައިހަތު ވިދާޅުވިއެވެ.