ދިވެހިރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ޑިޖިޓަލް އުނގަންނައިދޭ ޕްލެޓްފޯމް، 'ދަނަަތު' ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ. މާލޭގައި ބޭއްވުނު މި ޚާއްސަ ރަސްމިއްޔާތުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ހަސަން ޝާކިރު އަލީ އެވެ. އެމަނިކުފާނު ވަނީ މި ޕްލެޓްފޯމްގެ ފައުންޑަރުންނާއެކު ދަނަަތު އިފްތިތާހުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަސަން ޝާކިރު އަލީ ވަނީ އުނގަންނައިދިނުމުގެ ދާއިރާ ވަރުގަދަކުރުމަށާއި، ދިވެހި ބަހާއި ސަގާފަތް ރައްކާތެރިކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ދަަނަަތު އަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، މުގައްރަރާ އެއްގޮތަށް ފިލާވަޅުތަކުގެ ނޯޓްސްތަކާއި ފަރިތަކުރުމުގެ ސުވާލުތައް ތައްޔާރުކޮށްދޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ ސަބަބުން ދަރިވަރުންނަށް ފަސޭހަކަމާއެކު ފިލާވަޅުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މުދައްރިސުންނަށް ކްލާސްރޫމްގެ އެތެރެއާއި ބޭރުގައި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ދަނަަތުގެ ފަރާތުން ވާހަކަދެއްކި މަންދޫބުން ވަނީ ދިވެހި ބަހުގެ އެކަޑަމީއަށާއި، ސްކޫލްތަކުގެ ވެރިންނަށް މި ޕްލެޓްފޯމް ވުޖޫދަށް ގެނައުމުގައި ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖޭގެ ތައުލީމީ ނަތީޖާ ރަނގަޅުކުރުމަށް އެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ލޯންޗިންގ އިވެންޓަށް ހާޒިރުވި ބެލެނިވެރިންނާއި މުދައްރިސުންނަށް ވަނީ ޕްލެޓްފޯމް ބޭނުންކުރާނެ ގޮތުގެ ލައިވް ޑެމޮންސްޓްރޭޝަނެއް ދައްކާލާފައެވެ. ދަނަަތު ޕްލެޓްފޯމް މިހާރު www.dhanathu.com މެދުވެރިކޮށް ބޭނުންކުރެވޭނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.