ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލެ އާއި ރަށް ރަށުގައި ހުރި ފެނާއި ކަރަންޓުގެ އަގު އެއް އަގަކަށް ހަދައި ކަރަންޓާއި ފެން ބިލްގެ ހުރިހާ ޖޫރިމަނާއެއް މާފްކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫ ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މާލެ އާއި ރަށްރަށުގައި ކަރަންޓާއި ފެނުގެ ކަންކަމުގައި ތަފާތު ކުރުން ގެންގުޅެމުންދާ ކަމަށެވެ. އަދި ޖޭޕީގެ ވެރިކަމެއްގައި މާލެއެކޭ، ރާއްޖެތެރެއެކޭ ތަފާތު ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އޮންނާނީ އެއް އަގެއް. މާލެއެކޭ ރާއްޖެތެރެއެކޭ އަޅުގަނޑު ތަފާތެއް ނުކުރާނަން. އަދި މިހާތަނަށް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކަރަންޓު ބިލާއި ފެނުގެ ބިލަށް ޖޫރިމަނާކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް މާފް ކުރާނަން،"
މީގެ އިތުރުން، އެބޭފުޅާގެ ވެރިކަމެއްގައި ރައްޔިތުން "ފެލާލައިގެން" ފައިސާތަކެއް ނުހޯއްދަވާނެ ކަމަށާއި، އަދި "ސަޅި ބައިސާ ކަނޑާފައި" ވިޔަސް، ރައްޔިތުން އަތުން ނަގަމުން އަންނަނީ ޓެކްސް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް މީގެކުރިން ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައި ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓެއް ނުވަތަ ގެއެއް ކަމަށް ވިޔަސް، ދައުލަތަށް ފައިސާއެއް ދައްކާ ކަމަށްވާ ނަމަ، އެ ހުރިހާ ފައިސާއެއް މާފުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ އެކަން ކުރަމުން ގެންދިޔައީ އެއްވެސް ކަހަލަ ހަމައެއް ލަމައެއް ނެތި ކަމަށެވެ. އެކަން ކުރަމުން ގެންދިޔައީ ސިޔާސީ ގޮތުން ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް ގާސިމް ވިދާޅުވިއެވެ. "ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން. އިހްލާސްތެރިކަމާއެކީގައި ކަންކަން ކުރާ ނަމަ، އެއް ހަމައަކުން އެއް އުސޫލަކުން އެކަން ކުރާނީ،" ގާސިމް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.