ގދ. ތިނަދޫގައި މީގެ ކުރިން އަޅާފައިވާ، ފްލެޓް ތަކުގެ ހާލަތު މިހާރު ހުރީ، ރައްޔިތުން ދިރިއުޅުމަށް ރަނގަޅު ހާލަތެއްގައި ނޫންކަމަށް ޑަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް، އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ހުވަދޫ މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން، އަމްރު ވިދާޅުވީ، ތިނަދޫގައި މިހާރު ރައްޔިތުން ދިރިއުޅެމުންދާ ހައުސިންގް ޔުނިޓްތަކުގެ ހާލަތުތައް ވަނީ ވަރަށް ދަށް ފެންވަރެއްގައި ކަމަށެވެ. އެގޮތުން، އޭގެ ބައެއް ތަންތަން ވާރޭ ހިޔާނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ތިނަދޫގައި މީގެ ކުރިންވެސް ހަދާފައި އެބަހުރި ފްލެޓްތަކެއް. އެހެންނަމަވެސް އެ ފްލެޓްތަކުގެ ހާލަތު ވަރަށް ދަށް. ވާރޭ ވެހިއްޖެއްޔާ ފްލެޓްތަކަށް ވާރޭ ވެހޭ. ފާހަނަތަކުން ލީކްވެ، ވަރަށް ހާލަތުދަށްކޮށް ފްލެޓްތަކުގައި އުޅޭ ރައްޔިތުން ދިރިއުޅެމުން ދަނީ. މިހާރު އަސްލު މި ފްލެޓްތަކަކީ މީހުން ދިރިއުޅެން އުނދަގޫ ވާވަރުގެ ތަންތަން.” އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ދިޔަ ފަސް އަހަރުތެރޭ ތިނަދޫ ހައުސިންގް ޔުނިޓްތައް އެ ހާލަތުގައި ހުރިއިރު، މި ސަރުކާރުން އެކަމަށް ހައްލެއް ގެނައުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާކަން އަމްރުވަނީ ފާހަގަކޮށްފައެވެ.
“ނަމަވެސް މި ކަންތައްތަކަކަށް މި ފަސް އަހަރުގެ ތެރޭގައި ނެތް ހައްލެއް ހޯދަދީފައެއް. މިކަމަކަށް އަޅާލެވިފައެއް ނެތް އެއްވެސް ވަރަކަށް” ޑިމޮކްރެޓެސްގެ ރަނިންގްމޭޓް އަމްރު ވިދާޅުވިއެވެ.
މި ބަސްތީގަތުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، އެބޭފުޅުންނަށް އިންތިހާބު ކާމިޔާބުވެއްޖެނަމަ، ތިނަދޫގެ ރައްޔިތުންނަށް ހައުސިންގް ޔުނިޓްތަކެއް އަޅައިދީ، މިހާރުގެ ފްލެޓްތައް ތަޅާލާ، އެތަންތާ އާ ހައުސިންގް ޔުނިޓްތަކެއް އަޅައިދޭނެ ކަމަށެވެ. އަދި މީގެ އިތުރަށް ގދ. ގައްދޫ އަދި ވިލިގިލީގައިވެސް 1000 ހައުސިންގް ޔުނިޓްއެޅުމަށް ނިންމާފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.
“އިރާދަކުރެއްވިޔާ އަޅުގަނޑުމެން ތިނަދޫގައި 1000 ހައުސިންގް ޔުނިޓް އަޅައިދޭނަން. މީގެ އިތުރުން ގދ. ގައްދޫ އަދި ގއ. ވިލިގިލީގައި 1000 ހައުސިންގް ޔުނިޓް އަޅާނަން”