މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢު ކުރިއަށްގެންދާނީ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ލަފަޔާއި އިރުޝާދު ހޯދައިގެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ އަންނަ އަހަރުގެ ނޮވެންބަރު 11 އަށް ނިންމައި ޚިދުމަތް ދިނުމަށް އަމާޒު ހިފާފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއެކު ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޝަފީޤް ވިދާޅުވީ، ވޭތުވެދިޔަ 40 އަހަރު ދުވަހު މާލޭގެ ބަނދަރު އޮތީ ޖާގައިގެ ދަތިކަމާހުރެ އިތުރަށް ފުޅާނުކުރެވޭ ފަދަ ހާލަތެއްގައި ކަމަށެވެ. އެހެންކަމުން ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ރާއްޖޭގެ ލޮޖިސްޓިކް ދާއިރާއަށް އަންނާނެ އިންގިލާބީ ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަފީޤް ވިދާޅުވި ގޮތުގައި، އައު ބަނދަރު ފަރުމާކުރެވިފައިވަނީ ރާއްޖެއަށް ބޭނުންވާ ޒަމާނީ ލޮޖިސްޓިކް ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ ތަނަވަސް ތަނެއްގެ ގޮތުގައެވެ. "ސްޓޭކްހޯލްޑަރުންގެ ފަރާތުން އަޅުގަނޑުމެން ބޭނުންވާ މަޢުލޫމާތު ލިބުމުން، ބަނދަރުގެ މަސައްކަތް ކުރަމުންދާއިރުގައި އެ މަޢުލޫމާތުތައް ވަރަށް ބޮޑު ހިއްސާއަކަށް ނަގާނަން. ބަނދަރުގެ މަސައްކަތް ނިމިގެންދާންވާނީ ވިޔަފާރީގެ ކުރިމަގަށް ފަސޭހަވާނެގޮތަށް،" ސީއީއޯ ވިދާޅުވިއެވެ.

ތިލަފުށީގައި ގާއިމުކުރާ މި ބަނދަރަކީ މިހާރު މާލޭގައި ބޭނުންކުރާ ބަނދަރަށްވުރެ 10 ގުނަ ބޮޑު ސަރަހައްދެކެވެ. އަދި މިހާރު ބޭނުންކުރާ މަގަތުފާލަމަށްވުރެ ތިލަފުށީގެ މަގަތުފާލަން ތިންގުނަ ދިގުވާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. މިއީ ބޯޓުފަހަރު ކައިރިކުރުމާއި މުދާ ބޭލުމުގެ މަސައްކަތް އަވަސްކުރުމަށް ލިބޭނެ ބޮޑު ލުޔެކެވެ.

މި މަޝްރޫޢުގެ ދަށުން މަގަތުފާލަން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާ ގުޅިގެންނެވެ. މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.