އެމްޑީޕީން އިސްވެ، މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލަ މާދަމާ އޮންނަ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ. ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހު އެވެ.

މަޖިލިސް ހުއްޓުމަކަށް އައިސްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އާ އެކު އެވެ. އެއީ އީވާ އާ އެކު އެމްޑީޕީގައި ތިއްބެވި 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް ތަމްސީލުވާ ނިސްބަތަށް ބަދަލު ގެނައުމުގެ މަސައްކަތް، ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވެމުންނެވެ. އޭގެ ތެރޭގައި އާންމު ކޮމިޓީ ހިމެނޭއިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ބަހުސް ކުރުމާއި ދިފާއުވުމުގެ ވަގުތު އެ ކޮމިޓީން ކަނޑައަޅަންޖެހެ އެވެ.

އޭގެ ފަހުން، މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވަން ހުށަހެޅީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ އިތުރުން އިތުބާރުނެތް ކަމުގެ މައްސަލަތައް ނިންމުމަށެވެ. ބޮޑެތި ހިޔާލުތަފާތުވުންތަކުގެ ތެރޭގައި ކޮމިޓީތައް އެކުލަވާލުން ފާސްކުރުމަށްފަހު، ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ތިން ވަނަ ދައުރު ފެށީ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވެ، އެކަން އެކަނި އެޖެންޑާކޮށްގެންނެވެ. އެއީ ނަޝީދު ވިދާޅުވި ގޮތުން ނަމަ، އެމްޑީޕީން ވަކިވެވަޑައިގެންނެވި މެމްބަރުން ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައިވާތީ، އެ މެމްބަރުން އެ ޕާޓީގައި ދަފްތަރުކުރަން ޖެހޭތީ އެވެ.

އެކަމަކު އަރައިރުމުގައި ޖަލްސާތައް ކުރިއަށް ނުގެންދެވި ނިންމާލަންޖެހުނު އިރު، އެންމެ ފަހުން މިދިޔަ މަހުގެ 28 އާއި 29 ގައި ތާވަލުކުރި ދެ ޖަލްސާ ވެސް ކެންސަލްކުރަންޖެހުނީ ކޯރަމް ހަމަނުވެގެންނެވެ. އޭރު މަޖިލީހުގެ ގިނަ މެމްބަރުން ގެންދެވީ ރިޔާސީ ކެމްޕޭނުގައި މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވަމުންނެވެ. އޭގެ ފަހުން ވަކި ސަބަބެއް މަޖިލީހުގެ އިދާރާއިން ނުބުނެ، ޖަލްސާތައް ތާވަލުނުކޮށް އޮތުމަށްފަހު މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމެވެ.