ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ރީ ރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ފުރުސަތު ހުޅުވާލައިފި އެވެ. އެ އިދާރާއިން މިއަދު ކުރެއްވި އިއުލާންއެއްގައި ވިދާޅުވީ، މި މަހު 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ހަމަޖެހިފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހު މެންދުރު ފަހު 4:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ވަނީ ރީރަސްޖިސްޓާ ވުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އޭގެ އިތުރުން މާލޭގެ ދަރުބާރުގެއާއި އެހެން ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށް ނަމަވެސް މިހާރު އައިސްފައިވާ ބަދަލާއިއެކު ދެވަނަ ބުރުގައި 282،803 މީހުންނަށް ވޯޓު ލެވޭނެއެވެ. އެހެން އަހަރުތަކުގެ ރިޔާސީ އިންތިހާބާއި އަޅާކިޔާއިރުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ނިކުމެފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ބަޔެކެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ މިހާރުގެ ރައީސުލްޖުމްހުރިއްޔާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހާއި، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒެވެ. އިންތިހާބުގެ ފުރަތަމަ ބުރު ޑރ މުއިއްޒު ވަނީ 100،723 ވޯޓާއިއެކު ރައީސް ސާލިހުގެ މައްޗަށް ކުރި ހޯއްދަވާފައެވެ. ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.