ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި "ޤައުމިއްޔަތަކީ" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ޤައުމީ މަންހަޖުގައި ހިމަނުއްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އާޓިފިޝަލް ބީޗުގައި ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ސުކޫލުތަކުގައި ކިޔަވައިދޭ އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވާ ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ދިވެހިރާއްޖެ އަކީ އަމިއްލަ ވަންތަ ބަހެއް އޮންނަ ގައުމަކަށް ވުމުން، އެ ބަސް ދޫކޮށް އިނގިރޭސިބަހުން ދަރުވަރުންނަށް އިސްލާމް ކިޔަވައިދިނުމަށް ނިންމި ނިންމުމަކީ ޤައުމިއްޔަތާއި ދުރަށް ދަރިވަރުންގެ ވިސްނުން ގެންދިއުމަށް ކުރެވޭ ކަމެއްކަމަށް ސިފަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމަކީ އެއްވެސް ބެލެނިވެރިއަކު ބޭނުންފުޅުވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެކަން ބަދަލުކޮށް، ޤައުމިއްޔަތާއި ދިވެހި ބަހަށް ޚާއްސަ އިސްކަމެއް ދީ، ބަސް ކުރިއެރުވުމަށް މުހިންމު ކަންތައްތަކެއް ކުރައްވަން ގަސްތުކުރައްވާ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.
ޑރ މުއިއްޒު ވިދާޅުވީ ސުކޫލު ދަރިވަރުންނަށް، ބޮޑުވަމުން އަންނަ ޒުވާނުންނަށް ޤައުމިއްޔަތާއި ގުޅުންހުރި މުހިންމު ވާހަކަތައް ބުނެދީ ދަސްކޮށްދިނުމަކީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަން ނެގެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ ދިވެހީންގެ ރާއްޖެ، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރި ކަމާއެކު ފޯރުކޮށްދިނުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.