މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ އަދަދާމެދު ސުވާލު އުފައްދާތީ، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފި އެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ބޭނުން ކޮށްފައި ވަނީ ވަރަށް މަދު ބަޔަކު ކަމަށް ވާއިރު ދެ ވަނަ ބުރަށް ރަޖިސްޓަރީ ކުރަން ހުށަހެޅި ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
އެ ޕާޓީން ބުނީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ދައުލަތުގެ މުދާ ކެމްޕެއިނަށް ބޭނުން ކުރަމުންދާ ކަމަށާއި މީޑިއާގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެކަން ޓްރާންސްޕޭރެންސީން ވެސް ފާހަގަކޮށްފައިވާ ކަމަށާއި އިދިކޮޅު ޕީޕީއެމުން އޭސީސީ އަށް ވެސް މައްސަލަ ހުށަހަޅާފައިވާކަން ޑިމޮކްރެޓްސް އިން ފާހަގަ ކުރި އެވެ.
ވޯޓު ދިނުމުގެ ހައްގު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ނޫންކަން ޔަގީން ކުރުމަށާއި އިންތިހާބާ މެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ރީރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ މީހުންގެ ލިސްޓު އާންމު ކުރުމަށް ޑިމޮކްރެޓްސް އިންބުނެފައި އެވެ.
"ދަ ޑިމޮކްރެޓްސް އިން އިލެކްޝަން ކޮމިޝަނަށް ގޮވާލަނީ އިންތިހާބުގެ މިނިވަން ކަމާއި ސައްހަކަން ކަށަވަރު ކުރުމަށާއި އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވޯޓުގެ ހައްގު ކަށަވަރު ކުރުމަށެވެ. އަދި ސަލާމަތްތެރިކަމާ އެކު ރައްކާ ކޮށްދިނުމަށެވެ،" އެ ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ .
އެންމެ ދެ ދުވަހުގެ ތެރޭގައި އެހާ ގިނަ ބަޔަކު ރީރަޖިސްޓްރީ ކުރުމުގައި ސުވާލު އުފެދޭ ކަމަށް ބުނެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒާއި އޭނާ ހިމެނޭ ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.