ޒަމާން ބަދަލުވަމުންދާ ވަރަކަށް ވަގުތު ކުރުވެ، ދުވަހުގެ 24 ގަޑިއިރުވެސް މިހާރު މިވަނީ މަދުކަމަށްވެފައެވެ. މިއަދުވެސް ވަގުތު ގިނަވެގެން އުޅޭ މީހުން ތިބުން އެކަށީގެންވެއެވެ. އެހެންނަމަވެސް ދިރިއުޅުމަށް މަސައްކަތް ކުރާ މީހުންނާއި އާއިލާތައް ބަލަހައްޓާ މީހުންނަށް މިހާރު ވަގުތު މަދެވެ. ވަރަށް ވިސްނައިގެން "މެނޭޖް" ކޮށްގެން ނޫނީ ދުވަހުގެ ތާވަލު ފުރިހަމަ ކުރެވޭކަށް ނޯވެއެވެ. ހާއްސަކޮށް ބައެއް ކަހަލަަ "މޫސުން" ތަކުގައި، ބައެއް ކަހަލަ ދުވަސްތައް ވަރަށް ބޮޑަށް ބުރަވެ ބިޒީވާންޖެހެއެވެ. ބައެއް މީހުންނަށް އަހަރަކު އެއްފަހަރު އަންނަ ރޯދަމަސް، އަދި ބައެއްމީހުންނަށް ސުކޫލު ހުޅުވެން ކައިރިވާ ދުވަސްތައް، އަނެއްބައި މީހުންނަށް އެމީހުންގެ ވިޔަފާރީގެ ގޮތުން "ސީޒަން" އައުން، މިހެން ގޮސް ދިރިއުޅުން އާދައިގެ ދުވަސްތަކަށްވުރެ ބިޒީވާ ދުވަސްތައް ވެސް އާދެއެވެ. އެގޮތުން މިއީ ބައެއް ފަރާތްތަކަށް ވަރަށްބޮޑަށް ބުރަ ދުވަސްކޮޅެކެވެ. ފަސްއަަހަރުން އެއްފަހަރު ގައުމަށް އަންނަ މިހާއްސަ ދުވަސްކޮޅު ބައެއް ވަޒީފާތަކުގައި، އަދި ބައެއް ދާއިރާތަކުގައި އުޅޭ ފަރާތްތަކަށް ރޭދުވާ އޮންނަނީ ފުރިފައެވެ. މި ބުރަ، ބިޒީ ތާވަލަށް ހޭދަކުރާ ދުވަސްތަކުގައި، މީހާ "ބާންއައުޓް" ނުވެ، ބޭނުންވާ މަގުސަދު ހާސިލުވުން ކޮންމެހެންވެސް މުހިންމެވެ. އިންސާނާގެ ހަށިގަނޑު ބަރޯސާވެފައިވަނީ ކެއުމާއި ބުއިމާއި ނިދުމާއި މިހެން ގޮސް ބައެއް ކަހަލަ ހާއްސަ ކަންތައްތަކެއްގެ މައްޗަށެވެ. އެހެންކަމުން ހަށިގަނޑާމެދު ސަމާލުވެ، ފަރުވާތެރިކަމާއެކު ބިޒީ ޝެޑިއުލް ފުރިހަމަ ކުރުން މުހިންމެވެ. އެހެންނޫނީ ސިއްހަތަށް ފަރުވާކުޑަ ވުމުގެ ނަތީޖާ ހިތިވެ، ވަރަށްބޮޑަށް ބަލިވެދާނެއެވެ.

bio

ތިމާގެ މަސައްކަތްތައް ބަހާލައިގެން ވަގުތުކަނޑައަޅައިގެން ކުރިއަށް ގެންދިއުން މުހިންމު....ފޮޓޯ:ވައިބް ހުރިހާ ކަމެއް ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް އެކަން ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް ބިޒީ ޝެޑިއުލެއް މެނޭޖް ކުރާނެ ގޮތް އެނގެން ޖެހެ އެވެ. ބިޒީ މީހަކަށް ވުމުން އޭގެ މާނައަކީ ބާންއައުޓް ޖެހިފައިވާ ކަމަކަށް ނުވާނެއެވެ. ހަމައެކަނި މާނައަކީ ތިމާއަށް ބެލެހެއްޓުމަށް ވަރަށް ގިނަ ކަންތައްތަކެއް ހުރުމެވެ. ހަމައެހެންމެ ކޮންމެހެން ވިސްނަން ޖެހޭ ކަންކަންވެސް ހުންނާނެއެވެ. ހުރިހާ ކަމެއް ކުރެވޭނެއޭ ހީކުރުން ވަރަށް ގޯހެވެ. ފުރަތަމަވެސް ތިމާއަށް ކުރެވޭނެކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ ކަން ގަބޫލު ކުރަން ޖެހޭނެއެވެ.

ބުރަދުވަސްދުވަހު، މަސައްކަތާއި ދިރިއުޅުމުގެ ކަންކަން ތާވަލުކޮށް ބެލެހެއްޓިދާނެ ބައެއްކަހަލަ ގޮތްތައް

  • މަސައްކަތްތައް ބޮޑެތިކަންކަމުން ކުދި ކަންކަމަށް ރޭވުން
  • މުހިންމު ކަންތައްތައް ވެސް މަތިން ތިރިއަށް ރާވައި އެގޮތަށް އިސްކަންދިނުން
  • ތިމާގެ ވަގުތު އަބަދުވެސް މޮނިޓަރ ކުރުން
  • އެކަމަކަށް ދީފައި އޮންނަ ވަގުތުގެ ބޭރުން އެކަމެއް ކުރިއަށް ނުގެންދިއުން، ވަގުތު ހަމަވާއިރަށް ނިމޭވަރުން ކަންތައް ގެންދިއުން
  • ތިމާގެ ބައްދަލުވުންތައްވެސް ވަކިގޮތަކަށް ރޭވުން
  • ކޮންމެ ދުވަހަކުވެސް އެދުވަހަކަށް ކަނޑައަޅާ ލަނޑުދަނޑިތަކެއް ބޭއްވުން
  • ހާސިލްކުރަން ބޭނުންވާ އެކްސްޕެކްޓޭޝަންތައް ކަނޑައެޅުން
  • ތިމާގެ ބައެއް މަސައްކަތްތަކަށް ދެވަނަ ގޮތެއް އަބަދުވެސް ހޯދާފައި ބޭއްވުން މުހިންމު
  • ހަގީގަތުގައި ތިމާއަށް ކުރެވޭނެ މަސައްކަތުގެ މިންވަރު ގަބޫލުކުރުން މިއީ ވަރަށް މުހިންމު ކަމެއްކަން ހަނދާނުގައި ބެހެއްޓުން.