ވަޒީފާގެ މާހައުލުގައިވެސް މިއަދު އެންމެ މުހިއްމު ސިފައަކީ މުއާމަލާތު ކުރުމުގެ ހުނަރުކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ވާހަކަދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެކަމެއް ނޫންކަމަށާއި ފަންނެއްގެ ގޮތުގައި މިކަން ދުނިޔެއަށް ހުށައެޅިފައިވާ އެއް ސަބަބަކީވެސް އެއީ ކަމަށެވެ. އަދި ބައެއްގެ ކުރިމަތީގައި ވާހަކަދައްކަން ތެދުވާ މީހާގެ ކިބައިގައި އެންމެ ފުރަތަމަ ކަމަކަށް އެކަން ކުރުމުގެ ހިތްވަރު އަދި ކެރުންތެރިކަން ހުންނަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ތަކުރީރުކުރުމަކީ އެއްޗެއް ދަސްކޮށްގެން ނިކުމެ ބައެއްގެ ކުރިމަތީގައި ބަސްތަކެއް އަމުނާލުން ނޫންކަމަށާއި، އެއީ އިންސާނާގެ ސިކުނޑީގައި ހިނގާ ފިކުރުތަކެއް ނޫނީ އޭނާގެ ކިބައިގައި ހުރި މައުލޫމާތެއް އަނެކުންގެ އިހްސާސްތަކަށް ކުޅޭލާނޭހެން އެބަޔަކާއި ހަމައަށް ފޯރުކޮށްދޭ ދިނުންކަމަށެވެ. އަދި މިކަން ހުނަރަކަށްވާ ސަބަބަކީ ތިމާއަށް އަނެކާގެ އިހްސާސްތަކާއި ކުޅެލުމުގެ ބާރު ލިއްބައިދޭ ކަމަކަށްވާތީކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވާހަކަދެއްކުންތެރިކަމަކީ އުފެދި ބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި އާލާކުރަންޖެހޭ މުހިންމު ތަރުބަވީ ސިފައެއްކަމަށް ވިދާޅުވަމުން، ހަޔާތުގައި ކާމިޔާބީއާއި ހަމައަށް ވާސިލްވަނީ ކޮންމެ މީހެއްގެ ކިބައިގައިވެސް އަނެކުންނާއި މުއާމަލާތްކުރަން ދަސްވެފައި ހުރުމުގެ ސަބަބުންކަމަށް ވަޒީރު ހީނާ ފާހަގަކުރެއްވިއެވެ.
"މިއަދުގެ ވަޒީފާގެ މާހައުލުގައި އެންމެ ބޮޑަށް އެދޭ އެއް ސިފައަކީވެސް މުއާމަލާތުކުރުމުގެ ހުނަރު. މި ހުނަރު ހުންނަ ކުއްޖަކަށް މުސްތަޤްބަލުގައި ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދިއުމުގެ ފުރުސަތު ތަނަވަސްވެފައިވޭ. އެދެވޭ ބޮޑެތި ކާމިޔާބީތައް ހާސިލްކުރުމަށް ފަސޭހަވެގެންދާކަމީ ޝައްކެއް އޮތް ކަމެއްނޫން." ވަޒީރު
ވާހަކަ ދެއްކުމުގެ މުބާރާތްތައް އިންތިޒާމްކޮށްގެން ހިންގުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީވެސް ވާހަކަދެއްކުންތެރިކަން އަށަގެންނެވުންކަމަށާއި، މިފަދަ މުބާރާތްތަކުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ ގިނަ މީހުންގެ ކުރިމަތީގައި ތިމާއަށް ބުނަންޖެހޭ ބަސް ބުނުމުގެ ކެރުންތެރިކަން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރަނގަޅު ވާހަކައެއް ޕޯޑިއަމްގައި ހުރެ ދެއްކުމަށްޓަކައި ވަރަށް ގިނަ މައުލޫމާތު ހޯދަންޖެހޭކަމަށާއި، އެ މައުލޫމާތުތައް ތަރުތީބުކޮށް ވަކި ގޮތަކަށް ގެނައުމަށް ވިސްނުންތަކެއް ވިސްނަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ކުދިންގެ ފާޑުކިޔުމުގެ ފިކުރު ތަރައްޤީގެ ކްރިޓިކަލް ތިންކިން ފަދަ ހުނަރުތައް އަށަގަނެ ކަންކަން ހައްލުކުރުމުގެ ޤާބިލްކަން ކުދިންގެ ކިބައިގައި އިތުރުވެގެންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.