އިންތީހާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންތިގާލީ އޮފީހުން މައުލޫމާތުދެއްވާގޮތގައި، މި ބައްދަލުވުމުގައި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި، ޖަޕާނާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

އިންތިގާލީ އޮފީހުން ބުނީ ޖަޕާނަކީ ޒަމާނުއްސުރެ، ދިވެހި ރައްޔިތުންނަށް ބޮޑެތި އެހީވެދެއްވަމުންގެންދަވާ ގައުމެއްކަން ފާހަގަކުރައްވައި މުއިއްޒު ޝުކުރުއަދާކުރެއްވި ކަމަށެވެ. އެ އެހީތަކުގެ ސަބަބުން ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރާ މެދު، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ހާއްސަ އިހްތިރާމަކާއި ގަދަރެއް ދެވިފައިވާކަންވެސް މުއިއްޒު ފާހަގަކުރެއްވިކަމަށެވެ. އަދި، ފެށިގެންދާ އާ ދައުރުގައި މި ގާތްކަން އިތުރަށް ފުޅާވެ ބަދަހިވުމަށް އުއްމީދުކުރައްވާކަމަށާއި، އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

އެ އޮފީހުން ބުނެފައިވާގޮތުގައި ޖަޕާންގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-ޖަޕާނުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ.