ކްރިކެޓް ވޯލްޑް ކަޕުގެ އިންޑިއާ އާއި ޕާކިސްތާނު މެޗުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 11،000 މީހުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.
ޕާކިސްތާނާއި އިންޑިއާ ކުޅޭ މެޗު އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ކްރިކެޓް ވޯލްޑް ކަޕުގެ އެންމެ ހޫނުވާނެ ކަމަށް ބެލެވޭ މެޗަކީ މި ދެގައުމުގެ މެޗެވެ. މިދެގައުމުގެ ދެމެދުގައި އަބަދުވެސް އޮންނަ ވާދަވެރިކަމުގެ ތެރެއިންވެސް ކްރިކެޓަކީ ދެގައުމުގެވެސް އެންމެ ލޭކައްކުވާ ކުޅިވަރުކަމަށްވާތީ އިންޑިޔާއާއި ޕާކިސްތާނުގެ މެޗުގައި މައްސަލައެއް ފެންމަތިނުވުމަކީ ވަރަށް ދުރުކަމެކެވެ.
އޮފިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި އިންޑިއާގެ އަހުމަދު އާބާދުގައި ހުންނަ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗުގެ ސެކިއުރިޓީ ކަންކަމުގައި ހަރަކާތްތެރިވާނީ އެގައުމުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ އެކި އެޖެންސީތަކުގެ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ޓީމެއް ކަމަށެވެ.
އަހުމަދު އާބާދުގެ ކޮމިޝަަނާ އޮފް ޕޮލިސް ޖީއެސް މާލިކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ ސެކިއުރިޓީ ކަންކަން އެހާ މަތިކުރަން ޖެހުނީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައިވެސް މިދެ ޓީމު ކުޅެފައިވާ މެޗުތަކުގައި ހިނގާފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ.
ކްރިކެޓް ވޯލްޑްކަޕް ފެށުމާ އެކު މެޗުތައް އޮންނަ ސްޓޭޑިއަމް ހިމެނޭ ސަރަހައްދުތަކުގައި ހިނގާފާނެ ހާދިސާއަކަށް ތައްޔާރުވެ އަބަދުވެސް ސެކިއުރިޓީ ޓީމެއް އޮވެއެވެ.
އެހެެންނަމަވެސް ޕާކިސްތާނާއި އިންޑިއާ ކުޅޭ މެޗަށް ވަކިން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސަބަބަކީ މިދެގައުމަކީވެސް ކްރިކެޓުގައި ވަރަށް ފޯރިނަގާ އަދި ތަފާތު ހާއްސަކަމެއް ކްރިކެޓަށް ދޭ ދެގައުމުކަމަށްވާތީއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.