އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ މި ދަނޑިވަޅަކީ މުޅި މުސްލިމް އުންމަތް އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން އެހެން ވިދާޅުވީ އެކްސް.ކޮމް ގައި ކުރެއްވި ޕޯސްޓެއްގައެެވެ.
އިމްރާން ޕޯސްޓު ކުރައްވާފައި މި ވަނީ ގާޒާއަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
އެ ޕޯސްޓުގައި އިމްރާން ވިދާޅުވެފައި ވަނީ ފަރުދީ ތަފާތު ތަކާ މަސްލަހަތުތައް އެއްފަރާތް ކޮށްގެން މެނުވީ އުންމަތުގެ ކަރާމަތާއި، ޝަރަފާ، އިއްޒަތް ސަލާމަތްވާނެ ހަމަ އެއްގޮތެއްވެސް ނެތް ކަމަށެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދުގެ ހަނގުރާމަ ފެށުމާ ގުޅިގެން މީގެ ކުރިންވެސް އިމްރާން ވަނީ އެކްސް.ކޮމްގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ. އެ ޕޯސްޓުގައި އިމްރާން ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މުޅި އުންމަތާ ގުޅުންހުރި މައްސަލައެއް ކަމަށެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖެހި، މަރުވާން ދޫކޮށްލާފައި ބަލަހައްޓައިގެން ތިބުމަކީ މުއުމިނުންގެ ހިތްތަކަށް ކުޅަދާނަ ކަމެއް ނޫންކަން ފާހަގަކުރައްވައި އިމްރާން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާރުއަޅުއްވާފައިވެއެވެ
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.