1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އާފިލުކަމުން ހޭލާށެވެ! މަސްޖިދުލްއަގްސާ ބިމާހަމަކޮށްލަނީ، ދެން އަމާޒަކަށް ވާނީ މާތްވެގެންވާ ދެހަރަމްފުޅު!

hutui
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,612ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސުލައިމާނުގެފާނުގެ ބިނާ ހޯދުމުގެ ނަމުގައި މަސްޖިދުލްއަގްސާގެ ދަށުން ކޮންނަމުންދާ ބިންގަރާސްތަކުގެ ނުރައްކާތެރިކަން ބޮޑުކަމަށާއި މަސްޖިދުލް އަގްސާ ބިމާ ހަމަކޮށްލުމުގެ މަޝްރޫއު ފަަށައިގެން ކުރިއަށްގެންދާއިރު ދެން ފަށާނީ މައްކާއާއި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ނައްތައިލުމުގެ މަޝްރޫއު ކަމަށް މިއަދުގެ ހުކުތު ހުތުބާގައި ބުނެފިއެވެ.

"ފަލަސްތީނާއި އިސްލާމީ އުއްމަތް" މި މައުޟޫއަށް ދިން ހުތުބާގައި ފަލަސްތީނުގެ ތާރީހާއި ޔަހޫދީންގެ މަގުސަދަށް އަލިއަޅުވައިލާ މަސްޖިދުލް އަގްސާއާމެދު ޔަހޫދީންގެ ރޭވުންތަކަށް އަލިއަޅުވައިލާފައެވެ. އަދި ފަަލަސްތީނުގެ ބިމަކީ މުސްލިމުންނާ އެތައް ގޮތަކުން ހާއްސަކޮށް ގުޅިލާމެހިފައިވާ ބިމެއްކަންވެސް މިއަދުގެ ހުތުބާގައި ވަނީ ހާމަކޮށްދީފައެވެ.

ހުތުބާގައި ބުނީ ފާއިތުވި ހޮނިހިރު ދުވަހު އިރު އުދަރެހުން ފާޅުވެގެން އައީ އަނިޔާވެރިކަމާއި ޖައްބާރުކަމުގެ އިންތިހާ ކަމުގައިވާ ޒަޔަނިސްޓު ޔަހޫދީ ދައުލަތުގެ އަނިޔާގެ ދަށުގައި ހަތްދިހަހާހަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ބިންތައް ސަލާމަތްކުރުމަށްޓަކައި ޒަޔަނިސްޓު ޔަހޫދީ ދައުލަތް ފަހަތަށް ޖައްސާލަމުން ފަލަސްތީނުގެ ފަހުރުވެރި މުޖާހިދުންގެ ވަރުގަދަ ހަމަލަތަކެއް ދިންކަމަށެވެ.

300 × 250

ހަމާސްގެ މިހަމަލައަކީ އަމިއްލަ ހައްގަށްޓަކައި ކުރި ކަމެއްކަމަށާއި އެންމެ އަސާސީ ހައްގުތަކުން މަހުރޫމު ކުރެވި އަނިޔާ ލިބި އަމިއްލަ ބިން ފޭރިގަނެވިފައިވާ މުސްލިމުން އެބައިމީހުންގެ ހައްގު ހޯދުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީއަތާއި ބައިނަލްއަގުވާމީ ގާނޫނުގައިވެސް އެބައިމީހުންނަށް ލިބިގެންވާ ހައްގެއްކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެބިމުން މުސްލިމުންގެ ވަސްވެސް ފޮހެލުމަށް ކަމަށެވެ. އަލްގުދުސްގައި ޔަހޫދީންނަށް ގެދޮރު އަޅައިދީ އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއުތައް ދަނީ ހިންގަމުން ކަމަށާއި ޔަހޫދީ މީޑިޔާ މެދުވެރިކޮށް އަލްގުދުސްގައިވާ އިސްލާމީ މުގައްދަސް މަލަތައް ދުނިޔޭގެ ލޯތަކަށް އޮޅުވާލުމުގެ ޖަރީމާ ހިންގަމުންދާ ކަމަށްވެސް ހުތުބާގައި ބުންޏެވެ. މަސްޖިދުލް އަގްސާގެ ފޮޓޯކަމަށް މިޒަމާނުގައި މަޝްރޫއުވެފައިވާ ފޮޓޯއަކީ އެމިސްކިތުގެ ފޮޓޯއެއް ނޫންކަން ފާހަގަކުރަމުން ހުތުބާގައި ބުނީ އެއީ ގުއްބަތުއް ޞަޚްރާގެ ފޮޓޯއެއެއްަ ކަމަށެވެ. ގުއްބަތުއް ސަހްރާއަކީ އިސްރާއާއި މިއުރާޖުގެ ރޭ ކީރިތި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ އަރާވަޑައިގަތް ހިލައިގެ މަތީގައި މާފަހުން ކުރެވުނު ބިނާއެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެދީފައެވެ.

މިއަށްވުރެ ނުރައްކާތެރި ޖަރީމާއަކީ ސުލައިމާނުގެފާނުގެ ބިނާ ހޯދުމުގެ ނަމުގައި މަސްޖިދުލްއަގްސާގެ ދަށުން ކޮންނަމުންދާ ބިންގަރާސްތައްކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ހަގީގީ ބޭނުމަކީ މަސްޖިދުލްއަގްސާގެ ދަށުގައި ފައްޅިތައް އެޅުންކަމަށާއި މިބިންގަރާސްތައް ކޮނުމުގެ އާހިރު ނަތިޖާއަކަށްވާނީ މަސްޖިދުލްއަގްސާގެ ބިންގާތައް ބަލިކަށިވެ ބިންހެލުމުގެ އަސަރު ކިރިޔާ ކުރިއަސް އަގްސާ ވެއްޓި ބިމާ ހަމަވުންކަމަށް ހުތުބާގައި ބުންޏެވެ. އަދި ދެން ބިން ސާފުކޮށް ނިމޭއިރު ފެންނަން ހުންނާނީ ޔަހޫދީން ބިންގަރާސް ކޮނެގެން އެޅި އެފައްޅިތައް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

"އަހުންނޭވެ. އާފިލުކަމުގެ ނިދިން ހޭލާށެވެ. މިހާރު އެ ފެށީ މަސްޖިދުލް އަގުސާ ބިމާ ހަމަކޮށްލުމުގެ މަޝްރޫއެވެ. ދެން ފަށާނީ މައްކާއާއި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ނައްތާލުމުގެ މަޝްރޫއެވެ. މިވާހަކަތައް ޒުވާން ޖީލުތަކާ ހަމައަށް ގެންގޮސްދޭށެވެ. އެެކުދިންގެ ހިތްތަކަށް މުސްލިމުންގެ މުގައްދަސް ތަންތަނުގެ ލޯބި ވައްދައިދޭށެވެ. އެކުދިންނަކީ އެތަންތަނުގެ ހިމާޔަތުގައި ތެދުވަން ކެރޭ ބަޔަކަށް ހަދައިދޭށެވެ. މިއީ މައިންބަފައިންނާއި މުދައްރިސުން ވެރިންގެ ވާޖިބެއް ކަމުގައި ދެކޭށެވެ."

ހުތުބާގައި ވަނީ އިސްލާމީ ތާރީހުގެ ތެރެއިން ފަލަސްތީނުގެ ތާރީހަށްވެސް އަލިއަޅުވައިލާފައެވެ.

އެގޮތުން ހުތުބާގައި ބުނީ "ތާރީހު ދިރާސާކޮށްލުމުން އެނގެނީ އަދުއްވުންނާ ކުރެވުނު ހަނގުރާމަތަކުގައި މުސްލިނުންނަށް ނަސްރު ލިބިފައިވަނީ ހަނގުރާމަވެރިންގެ އަދަދާއި ވަސީލަތްތައް ގިނަވެގެނެއްް ނޫނެވެ. ނަމަވެސް އެބައިމީހުން ﷲތަޢާލާއަށް ބަރޯސާވެ ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފައިގެން ކުރިއަށް ދިއުމުން ކަމެވެ. އެއީ އިސްލާމްދީނާއި މުސްލިމުންގެ ދުވަސް ދުއްވާލުމުގެ ނިޔަތުގައި އައިރު މުސްލިމުންގެގުޅިފައިވާ ބިޔަ ލަޝްކަރެއް މަދީނާއަށް އަރައިގަތުމަށް މަސައްކަތް ކުރި ހަނގުރާމައެވެ."

300 × 250

ފަލަސްތިނަކީ މުސްލިމުންނާ އެތައްގޮތަކުން ގުޅުން ހުރި ބިމެއްކަން ހާމަކުރަމުން ހުތުބާގައި ބުނީ އެއީ ﷲ ތައާލާ ބަރަކާތް ލައްވައި، މާތްކުރައްވާފައިވާ ބިމެއް ކަމަށާއި އެންމެ ގިނަ ނަބީ ބޭކަލުން އެ ބިމެއްގައި އުފަންވެވަޑައިގަތް އަދި އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިން ކަމަށެވެ. އަދި އެއީ ކީރިތި ރަސޫލާއާއިގެން އެ ބިމަކަށް އިސްރާ ކުރެވުނު މުގައްދަސް ބިން ކަމަށާއި ކީރިތި ރަސޫލާ މަތިވެރިވެގެންވާ މިއުރާޖުގެ ދަތުރުފުޅު ފެއްޓެވީ އެ ބިމުގައި މަސްޖިދުލް އަގްސާއިން ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، އެ ދަތުރުފުޅުގައި އެންމެހައި ނަބީ ބޭކަލުންނާއިގެން ކީރިތި ރަސޫލާ މަސްޖިދުލް އަގްސާގައި ނަމާދު ކުރެއްވި ކަމަށާއި އިސްރާއާއި މިއުރާޖުގެ އެ ދަތުރުފުޅުން މުސްލިމުންގެ ފުރަތަމަ ގިބުލަ އަލްމަސްޖިދުލް އަގްސާއާއި ދެވަނަ ގިބުލަ ކައުބަތުﷲ ގެފުޅާ ހުރި ގުޅުން އަންގައިދޭ ކަމަށެވެ.

ހުތުބާގައި ބުނީ، ފަލަސްތީނާއި ގުދުސަކީ، ޔަހޫދީންނަށް ދެއްވުމަށް، ﷲ ވައުދުވެވޮޑިގެންފައިވާ ބިމެއް ކަމަށް ދައުވާ ކުރާ ޔަހޫދީން ނަސްލު ނައްތާލުމުގެ ޝިއާރުގެ ދަށުން ފަލަސްތީނުގެ އަހުލުވެރިންނާ ދެކޮޅަށް ޖަރީމާތައް ހިންގަމުން އައީ އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުން ކަމުގައި ދައުވާކުރާ ހުޅަނގާއި ދުނިޔޭގެ ދެފުށް ދެގޮތް ސިޔާސަތު ގެންގުޅޭ ބޮޑެތި ބާރުތަކުގެ ހިމާޔަތުގައި ތިބެގެން ކަމަށެވެ. އަދި ފަލަސްތީނުގެ ބިމުގައި ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ދައުލަތެއް އުފައްދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ހުޅަނގާއި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވެސް ބުންޏެވެ.

"އިސްލާމީ އުއްމަތަކީ އެއް އުންމަތެކެވެ. ހުރިހާ މުސްލިމުންނަކީ އުހުއްވަތްތެރި ބައެކެވެ. މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ދަތި ހާލަތެެއްގައި އެމީހުންނަށް އެހީތެރިވުމަކީ މުސްލިމް އުއްމަތުގެ ވާޖިބެކެވެ. ފަލަސްތީނުގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ހުވަފަތް އަންހެނުންނާއި ޅަދަރިންގެ ނުކުޅެދުންތެރިކަމާއި އެމީހުންގެ ބޯމަތިން ކެނޑިނޭޅި އުދުހެމުންދާ ރޮކެޓްތަކުގެ ބިރުވެރިކަން އިހުސާސްކުރެވޭ ކޮންމެ މުސްލިމަކު އެމީހުންގެ ދިފާއުގައި ތެދުވަން ވެއްޖެއެވެ."

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި