ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވާ ދުވަހުން ފެށިގެން، އެންމެ ފުރަތަމަ ބޮޑު އިސްކަމެއް ދެއްވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ، އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، އަލްޖަޒީރާ އާ ވާހަކަފުޅުދައްކަވަމުންނެވެ.
އިންޓަވިއު ފެށްޓުމަށް ފުރަތަމަވެސް ޑރ. މުއިއްޒާ ސުވާލު ކުރެވުނީ ރާއްޖޭގެ "ފޮރިން ޕޮލިސީ" ގެންގުޅުއްވާނީ ކޮން ގޮތަކަށްތޯއެވެ. މި ސުވާލަށް ޖަވާބު ދެއްވމުން ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ފޮރިން ޕޮލިސީ ނުވަތަ ހާރިޖީ ސިޔާސަތަކީ ދިވެހިންގެ މަސްލަހަތު އިސްކުރާގޮތަށް އޮތް ސިޔާސަތެއް ނޫން ކަމަށެވެ. އެގޮތުން ގައުމީ މަސްލަހަތު ހިމާޔާތްކުރާ މަންޒަރު ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ނުފެންނަކަން ފާހަގަކުރަައްވާއި، ޑރ މުއިއްޒު ވިދާޅުވީ ގައުމުގެ މިނިވަންކަން ދެމެހެއްޓި ދާނެ ކަމާމެދު ވެސް ސުވާލު އުފެދިފައިވާކަމަށެވެ.
ރާއްޖޭގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް އޮތް ބިރެއް ކަމަށާއި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ރައީސް ސާލިހު ވެސް އެއްބަސްވެވަޑައިގެންފައިވާއިރު، އިންޑިއާ ވިޔަސް އަދި އެހެން ގައުމެއްގެ ވިޔަސް އަސްކަރީ ބާރުތަކުން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހި ރައްޔިތުން ބޭނުންވާކަމެއް ނޫންކަން އިންތިހާބީ ރައީސް ފާހަގަކުރެއްވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙުގެ ސަރުކާރަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެ ދެވަނަ ދައުރެއް ދޭން ދެކޮޅުހެދި ސަބަބަކީ ވެސް އެއީކަމަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވަނީ، ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލޭނެގޮތެއް ހޯއްދަވައި، އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ފެށި، އެމީހުން މި ގައުމުން ބޭލުމުގެ މަސައްކަތް ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފަށްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަލްޖަޒީރާއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު މި ވޭތުވީ މުއްދަތުގެ ތެރޭގައި އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލުކުރައްވާފައިވާނެ ކަމަށާއި، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން އެއީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނެކަންތައްކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
މި މައްސަލައިގައި އިންޑިއާ ހައިކޮމިޝަނަރުވެސް ދެއްވީ އުއްމީދީ ޖަވާބެއް ކަމަށާއި، ދެ ގައުމުން ގުޅިގެން ކުރާ މަޝްވަރާތަކުގެ ތެރެއިން، މިކަން ކުރެވޭނެގޮތެއް ވާނެކަމުގެ ޔަގީންކަން ދެއްވިކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.