ނ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތައް އެކުލަވާލުމާ ގުޅޭގޮތުން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާއެކު ސަރުކާރުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް، އަބޫދާބީ ފަންޑުގެ ވަފުދަކާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފަރު އެއަރޕޯޓު ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތަކާއި ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. 2019 ވަނަ އަހަރު ހުޅުވި މާފަރު އެއަރޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވައި، މި އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއަރޕޯޓުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވައިޑް ބޮޑީ ބޯޓުތަކަށް ޖެއްސޭނެ ވަރަށް އެއަރޕޯޓުގެ ރަންވޭ މިހާރު 2850 މީޓަރަށް ފުޅާކޮށް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން އެއަރޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މާފަރު އެއަރޕޯޓު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ 6,238 އަކަފޫޓުގެ އާ އިމާރާތެއް ބިނާކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން ޓާމިނަލްގެ ޖާގަ 12,476 އަކަފޫޓަށް އިތުރުވެ، މުޅި ޕެސެންޖަރ ޓާމިނަލްގެ ޖާގަ ދެގުނަ ބޮޑުވާނެއެވެ. މިހާތަނަށް ޓާމިނަލް ތަރައްޤީ ކުރުމުގެ 20 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
އައިލޭންޑް އޭވިއޭޝަން ސަރވިސަސްއިން ހިންގާ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އަތޮޅުތަކުގެ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއަރޕޯޓެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ހައި ސީޒަންގައި ދުވާލަކު 20 އާއި 25 އާ ދެމެދުގެ އަދަދަކަށް ދަތުރުތައް އޮވެއެވެ. ނ. އަތޮޅަކީ ގިނަ އަދަދެއްގެ ލަގްޒަރީ ރިސޯޓުތައް ހުރި އަތޮޅަކަށް ވުމުން، މި އެއަރޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް ވެސް ޖައްސައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.