މަސްތުން ސާފު މުޖުތަމައެއް ބިނާ ކުރުމަށް "ގިރިންދާ" ކުރަމުންދާ ހާއްސަ މަސައްކަތް ތަކުގެ ތެރެއިން މިފަހަރުގެ ދަތުރު ކުރީ ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތަކަށް ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ. ގިރިންދާ ޖަމިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި ގއ ގެ މިދަތުރު ކުރިއަށް ގެންދިޔައީ މިމަހުގެ 15 އިން 17 އާ ހަމައަށެވެ. އެގޮތުން ގއ އަށް ކުރި ދަތުރުތަކަށް ފުރީ މިމަހުގެ 15 ވަނަ ދުވަހު މެންދުރު 14:30 ގައެވެ. މި ދަތުރުގެ ކަންކަމާބެހޭ ގޮތުން ފަސް ފަރާތަކާ މަޝްވަރާ ކުރި ކަމަސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެގޮތުން ފުލުހުންނާއި ކައުންސިލް ބޭފުޅުން، ހެލްތު ސެންޓަރ، ޑަބްލިއުޑީސީ، އަދި ސުކޫލުތަކުގެ އިތުރުން "މެސްކް" ޖަމިއްޔާއާވެެސްމަޝްވަރާ ކުރި ކަމަށް ގިރިންދާއިން ވަނީ ހާމަކޮށްފައެވެ. މިދަތުރުގައި މަސްތުވާތަކެތި ބޭނުން ކުރާ ބާރަ ފަރާތަކާވެސް ޕޮލިހުގައި ވަނީ ބައްދަލުކޮށްފައެވެ. މި ދަތުރުގައި ގިރިންދާ ޖަމިއްޔާއިން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި:

  • ރިކަވަރީގައި ތިބި ބާރަ ފަރާތަކާ ބައްދަލުކޮށް ހާލު ބެލުން
  • ރަށުގެ ހާލަތު ދެނެގަތުމަށް ސާވޭ ކުރުން
  • ރަށުގައި ޓާސްކްފޯހެއް ހެދުން
  • މަސްތުވާތަކެއްޗަށް ދެވުހިފާފައިވާ ފަރާތްތަކުގެ ތެރެއިން ބާރަ ފަރާތެއް ގދ ތިނަދޫ ޑިޓޮކްސް އަށް ގެނެސް ފަރުވާ ދެވޭނެ އިންތޒާމް ހަމަޖެއްސުން
  • މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކުގެ އާއިލާތަކާއި ވަކިވަކިން އެގެއަކަށް ގޮސް ބައްދަލުކުރުން
  • މަސްތުވާ ތަކެތީގެ މައުލޫމާތު ސްކޫލުކުދިންގެ ބެލެނިވެރިންނަށް ދިނުން

ގިރިންދާއިން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުވުމަށް މިންނެތް މަސައްކަތް ކުރަމުންނެވެ. ގިރިންދާ އަކީ ތިނަދޫ ސިޓީ ގައި ހިންގާ ޖަމިއްޔާއެކެވެ. މިޖަމިއްޔާއަކީ މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޒުވާނުންތަކެއް ހިމެނޭ ޖަމިއްޔާއެކެވެ.