ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް ކީރިތި ގުރުއާނުގެ ތަފްސީރު، އައްތަފްސީރުލް ވާސިހުލް މުޔައްސިރު، ދިވެހި ތަރުޖަމާ (އޮންލައިން ވާޝަނެއް) ހަދިޔާ ކުރައްވައިފިއެވެ.
ސައުދީއަރަބިއްޔާއިން ނެރެފައިވާ އައްތަފްސީރުލް ވާސިހުލް މުޔައްސިރު ދިވެހި ބަހަށް ތަރުޖަމާކޮށް، އެ ތަރުޖަމާގެ ޑެސްކްޓޮޕް ވާޝަން މިއަދު ވަނީ ނެރެފައެވެ.
މިކަން ހާމަކުރައްވައި އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ 'ފަސޭހަ ތަފްސީރު’ގެ ނަމުގައި އެކުލަވާލާފައިވާ ހަ ވޮލިޔުމްގެ މި ފޮތް ޗާޕުކޮށްގެން ރާއްޖޭގެ ކޮންމެ ގެއަކަށް ކޮޕީއެއް ހަދިޔާ ކުރަން ނިންމަވާފައިވާ ކަމަށެވެ.
މި ފޮތުގެ ޑެސްކްޓޮޕް ވާޝަންގެ ސޮފްޓު ލޯންޗިން މިދިޔަ މަހު ބޭއްވާފައިވާއިރު، ރެއިން ފެށިގެން އެ ވާޝަން ވަނީ އާންމުކޮށްފައެވެ.
ގާސިމް ވިދާޅުވީ މި މަސައްކަތް ކުރުމުގެ މެދުވެރިއަކަށްވީ ސައޫދީއަރަބިއްޔާގެ ޙައްޖާއި އުމްރާއާބެހޭ ވަޒީރުގެ މަގާގައި 1999 އިން 2005 އަށް ހުންނެވި އައްސައްޔިދު އިޔާދު ބުން އަމީން މަދަނީ ކަމަށެވެ.
އަމީން މަދަނީގެ ދައުވަތަކަށް ގާސިމާއި އެމަނިކުފާނުގެ އާއިލާ ކުރެއްވި ހައްޖު ދަތުރެއްގައި، މަދީނާގައި ހުންނަ ގުރުއާން ޗާޕުކުރާ ޗާޕުޚާނާ ބައްލަވާލެއްވުމަށް ދެއްވި ފުރުޞަތަކީ މި މަސައްކަތް ކުރުމަށް މެދުވެރިވި ސަބަބު ކަމަށާއި އެ ދަތުރުގައި ސައުދީ މިނިސްޓަރު ވަނީ އޭރު ދުނިޔޭގައި އޮތް އެންމެ ކުރު، އެހެނަސް އެންމެ ތަފްސީލުކޮށް ޝަރަހަ ކޮށްފައިވާ ޤުރުއާން ތަފްސީރު ގާސިމަށް ހަދިޔާއަކަށް ދެއްވި ކަމަށާއި އެވަގުތު ދިވެހިބަހަށް މި ފޮތް ތަރުޖަމާކޮށް ދިވެހިންނަށް ފޯރުކޮށްދެއްވަން ގަސްދު ކުރެއްވީ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
https://twitter.com/qasimibrahim/status/1714289119399153927
"ހަމަ އެވަގުތުގައި މިފޮތް ދިވެހިބަހުން ތަރުޖަމާކޮށް ދިވެހީންނަށް ފޯރުކޮށް ދިނުމުގެ ޝައުޤުވެރިކަން އަޅުގަނޑުގެ ހިތުގައި އުފެދި، އެކަމަށް އަޅުގަނޑު ނިޔަތްގަތީމެވެ،" ތަފްސީރު ފެށުމުގެ ގޮތުން ޤާސިމް ލިޔުއްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ލަސްތަކެއް ނުވެ ޗާޕްކޮށް ދިވެހިރާއްޖޭގެ ގިނަ ގޭބިސީ ތަކަށް ތަފްސީރުގެ ކޮޕީއެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާ ކަމަށްވެސް ޤާސިމު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.