ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޝަހީދު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ކުއްލި ހަމަލާ ކުށްވެރިކޮށް، އިޒްރޭލުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާ ވީޑިއޯއަކަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، (އެ ވީޑިއޯ ޕޯސްޓު ކުރި) އެކްސް.ކޮމް އެކައުންޓުން އެ ވީޑިޔޯ ޑިލީޓްކޮށްފިއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާ ކުށްވެރިކޮށް، އަދި އިޒްރޭލުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާ ވީޑިއޯއަކަށް ރާއްޖޭގެ ނޫސްތަކުގައާއި އާންމުންގެ ގިނަބައެއްގެވެސް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ޑރ. ޝަހީދު މިހާރު ވަނީ ބޭނުން ކުރަމުން އައި އެކްސް.ކޮމް އެކައުންޓު ބޭނުން ނުކުރެވޭ ގޮތްވެސް ހަދާފައެވެ.
ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި އެގައުމުގެ 1،400 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާ ކުއްވެރިކޮށް ޑރ. ޝަހީދު ވާހަކަ ދައްކަވާ ވީޑިއޯ އެންމެ ފުރަތަމަ ޕޯސްޓު ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު، CombatASemitism@ ނަމަކަށް ކިޔާ އެކްސް ހޭންޑްލްއަކުންނެވެ. މި އެކައުންޓުގެ ޕްރޮފައިލްގައި ވާގޮތުން އެ އެކައުންޓަކީ ޔަހޫދީންނާ ދެކޮޅު ނަފްރަތު އުފެއްދުމާއި ދެކޮޅަށް ހަނގުރާމަ ކުރާ (ދެކޮޅަށް މަސައްކަތްކުރާ) އެކައުންޓެކެވެ. އެކައުންޓުގެ ނަމަކަށް ލިޔެފައި އިންނަނީ "ކޮމްބެޓް އެންޓިސެމިޓިޒްމް މޫވްމަންޓް" އެވެ.
އިޒްރޭލަށް ތައުރީފުކޮށް އަދި ޔަހޫދީންނާއި ދެކޮޅު ޝުއޫރު ފާޅުކުރާ ފަރާތްތައް ކުށްވެރިކޮށް ޑރ. ޝަހީދު ވާހަކަ ދައްކަވާ ވީޑިއޯ އެކްސް ޕޯސްޓުކޮށް، ޔަހޫދީންގެ ދިފާއުގައި ޑރ. ޝަހީދު އަޑު އުފެއްލެވީތީ އެ އެކައުންޓުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
"އިޒްރޭލުގެ ހުރިހާ ރައްޔިތުންނާއެކު، ކޮންމެތާކު ތިބި ނަމަވެސް ހުރިހާ ޔަހޫދީންނާއެކު، އަދި "އެންޓިސެމިޓިޒަމް" (ޔަހޫދީންނާއި ދެކޮޅު ގެންގުޅޭ ނަސްލީ އިމްތިޔާޒު)އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ފާއިތުވި ހަ އަހަރު އަހަރެންނާއެކު މަސައްކަތްކުރި ހުރިހާ އެންމެންނާއެކުވެސް އަހަރެން މިވަގުތު ހިތުގެ އިހްލާސްތެރިކަމާއެކު ވަރުގަދަކޮށް ހުރިކަން ހާމަކޮށްދިނުމުގެ ފުރުސަތު ދިނީތީ "ކޮމްބެޓް އެންޓިސެމިޓިޒަމް މޫވްމަންޓް"އަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ރާއްޖޭގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދައުރުކޮށް، މިހާރު ފާޑުކިޔަމުންދާ ވީޑިއޯ ފަށަމުން ޑރ. ޝަހީދު ވިދާޅުވެފައި ވެއެވެ.
މި ވީޑިއޯގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވެފައިވަނީ، އިޒްރޭލުގެ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާނެ ހާލަތު، އަދި ވަކީން ހާއްސަކޮށް ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ތަހައްމަލް ކުރައްމުންދާ ކެކުކުޅުންތައް އޭނާއަށް ހިޔާލަށްވެސް ނުގެނެވޭ ކަމަށެވެ.
"ހަމާސް ޓެރަރިސްޓުން ހިންގާފައިވާ، ހިޔާލަށްވެސް ނުގެނެވޭ މިކަމަކީ އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫން. އަދި މި ޖަރީމާތަކަށް އެއްވެސް ޖާގައެއް އޮވެގެން ނުވާނެ. ދުނިޔޭގެ ލީޑަރުން މިކަން ކުށްވެރި ކޮށްފައިވާ ފަދައިން، މިއީ އެއްވެސް ޝަރުތެއް ނެތި ކުއްވެރިކުރަން ޖެހޭ ކަމެއް. އަހަރެންވެސް މިއަމަލު ކުށްވެރި ކުރަން،" ހަމާސްއިން އިޒްރޭލަށް ދީފައިވާ ކުއްލި ހަމަލާ ކުށްވެރި ކުރަމުން ވީޑިއޯގައި ޑރ. ޝަހީދު ވިދާޅުވެފައި ވެއެވެ.
"މިފަދަ ޖަރީމާއެއް އަމާޒުވި ހަމައެކަނި ސަބަބަކީ ޔަހޫދީންނާމެދު އޮތް ނަފްރަތުގެ ސަބަބުން. "އެންޓިސެމިޓިޒަމް" (ޔަހޫދީންނާއި ދެކޮޅު ގެންގުޅޭ ނަސްލީ އިމްތިޔާޒު)އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައާއި، އަދި ހުރިހާ ބާވަތެއްގެ ނަފްރަތު އުފެއްދުމާއި ދެކޮޅަށް އަހަރެންގެ މަސައްކަތުގެ ވަރަށް ގިނަ ވަގުތު ހޭދަން ކުރަންޖެހުނު ސަބަބަކީވެސް މިއީ. ރަހީނުކޮށްފައިވާ ހުރިހާ އެންމެންގެ ސަލާމަަތަށްވެސް އަހަރެން ދުއާކުރަން، އަދި އެއްވެސް ޝަރުތެއްނެތި އެއެންމެން ދޫކޮށްލުމަށް ގޮވާލަން،" ޔަހޫދީންނާ ދެކޮޅަށް ނަފްރަތު އުފެދުމާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތައް ފާހަގަ ކުރައްވަމުން އެ ވީޑިއޯގައި ޑރ. ޝަހީދު ވިދާޅުވެފައި ވެއެވެ.
ޔަހޫދީންގެ ހިމާޔަތުގައި ވަކާލާތު ކުރާ އެކްސް.ކޮމް ހޭންޑްލްއިން އެންމެ ފުރަތަމަ ޕޯސްޓުކުރި ވީޑިއޯގައި ޑރ. ޝަހީދަށް ފާޑުކިއުން އަމާޒުވެގެން ދިޔައީ، އޮކްޓޯބަރ 7 ގެ ހަމަލާއަށްފަހު އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރިމާތަކުގެ އެއްވެސް ވާހަކައެއް ވީޑިއޯގައި ފާހަގަކޮށްފައި ނެތުމުގެ އިތުރަށް ފަލަސްތީނުގެ ނަންވެސް މި ވީޑިއޯގައި ގެނެސްފައި ނުވާ ކަމަށް ބުނެއެެވ.
ވިޑިއޯއާއި ގުޅިގެން ފާޑުކިއުން އަމާޒުވުމުން ވީޑިއޯ ޓުވީޓުކުރި އެކައުންޓުން މިހާރުވަނީ ވީޑިއޯ ޑިލީޓް ކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި ވީޑިއޯއާއި ގުޅޭގޮތުން ޑރ. ޝަހީދަށް ފާޑުކިޔަމުންދާ ބައެއް ފަރާތްތައް ޑރ ޝަހީދު ވަނީ ބުލޮކްވެސް ކުރައްވާފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން އޮކްޓޯބަރ 7 ވަނަދުވަހު އިޒްރޭލަށް ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ދަނީ ފަލަސްތީނުގެ ގާޒާއަށް ބޮމުގެ ހަމަލާދީ، އެސިޓީއަށް ފެނާއި، ކާނާއާއި ބޭސް އަދި ތެޔޮ އެތެރެކުރުން ވެސް ހުއްޓުވާ، އިންސާނިއްޔަތާ ހިލާފް އެތައް ޖަރީމާއެއް ހިންގަމުންނެވެ.
ޚިޔާލު (1)
ﷲ އަށް ތަހައްދީ ކުރާ ބޮޑެތި ބޮޑެތި ކާފަރުންގެ އުރަތްޕެއް ނެތްކަން މީގެން އެނގެނީ!