ހުވަދު އަތޮޅު ދެކުނު ބުރީ ތިނަދޫ ސިޓީގައި ސަންސެޓް ޑެކެއް ތަރައްގީ ކޮށްހަދައިދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިޢުލާނު ކޮށްފިއެވެ.
ތިންދޫ ސިޓީގައި ސަންސެޓް ޑެކެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ސަންސެޓް ޑެކެއް ތައްޔާރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އިދާރާއިން ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިދާރާއިން ވަނީ އަލުން ބީލަން ހުޅުވާލާފައެވެ.
އެކައުންސިލުން ހާމަކޮށްފަިއވާ ގޮތުގައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު އެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެ އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާއި، ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެއިދާރާއަށް ގޮސް ނުވަތަ މެއިލް projects@thinadhoo.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އިއުލާނުގައި ވަނީ ބުނެފައެވެ..
ތިނަދޫސިޓީ ކައުންސިލްގެ އިދާރާގެ އިޢުލާންގައި ވަނީ، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ނޮވެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި އެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް އެ އިދާރާގެ މި އިއުލާނުގައި ވަނީ ހާމަކޮށްފައެވެ..








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.