ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ނަމުގައި ސައްޚަ ނޫން މެސެޖްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެޕާޓީން އެދިއްޖެއެވެ.

ރެއިން ފެށިގެން ޕީޕީއެމްގެ ނަމުގައި ފޮނުވަމުންދާ މިމެސެޖުތަކަކީ އެޕާޓީގެ ނަން ބޭނުންކޮށް ޑީއެޗްއެލްގެ ލިންކަކާއިއެކު އެކި މީހުންގެ ފޯނުތަކަށް ފޮނުވަމުންދާ މެސެޖެކެވެ.

ޕީޕީއެމްއިނން ބުނީ މިއީ ބަޔަކު ފޮނުވަމުންދާ ސްޕޭމް މެސެޖްތަކެއް ކަމަށާއި މިކަމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އެދިވަޑައި ގަންނަވާކަމަށެވެ. އަދި ފޯނުތަކަށް ފޮނުވަމުންދާ މި ލިންކަށްއެއްވެސް މީހަކު ނުވަނުމަށް އެޕާޓީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމުގައި ދަންނަވަން. އަދި އެ މެސެޖްގައިވާ ލިންކަށް ނުވެންނެވުން އެެެދެން،" ޕީޕީއެމްއިން ބުނެފައިވެއެވެ.

ސްކޭމް ކޯލްތަކާއި މެސެޖުތައް މެދުވެރިކޮށް މަކަރާ ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުން ދާ މައްސަލައަކީ ރާއްޖޭގައި މިފަހުން ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އަދި މިފަދަ ކޯލްތަކަށާއި މެސެޖުތަކަށް ސަމާލުވުމަށް ކަމާބެހޭ މުއައްސަސާތަކުން ދަނީ މެދުކެނޑުމެއް ނެތި އާއްމުންނަށް އިލްތިމާސްކުރަމުންނެވެ.