1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންސާނިއްޔަތަށްޓަކައި ކެމްޕެއިން: ފަންނާނުން އެެހީ ހޯދުމަށް ދޮރުން ދޮރަށް

MFA-Fala
ޝަފްޢަތު ، ހުވަދޫ މީޑީއާ
226ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަލަސްތީނަށް އެހީތެރިވުމަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންސާނިއްޔަތަށްޓަކައި" ކެމްޕޭނުގެ ދަށުން މާދަމާ މާލޭގެ ގޭގެއަށް ގޮސް މަސައްކަތް ހޯދައިގެން ފައިސާ ހޯދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ފިލްމު އެސޯސިއޭޝަންގެ ވައިސް ޗެއާ، އާމިރާ އިސްމާއިލް ވިދާޅުވީ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް މާލޭގައި ކަމަށެވެ.

"މާދަން ހެނދުނު 9:00 ޖަހާއިރު ފަށާނީ، ދެން މެންދުރު ބްރޭކެއް ނަގާފައި އަނެއްކާވެސް ގޮސް ނިންމާލާނީ ރޭގަނޑު 10:00 ގައި،" ފިލްމީތަރި، އާމިރާ ވިދާޅުވި އެވެ.

300 × 250

އޭނާ ވިދާޅުވީ އެ ހަރަކާތުގެ ތެރެއިން މާލޭގެ މަގުތައް މަތިންނާއި ގޭގެއަށް ގޮސްގެން ވެސް މަސައްކަތް ހޯދުމަށް ނިންމާފައިވާ ކަމަށެވެ. އެ ހަރަކާތުގައި ރާއްޖޭގެ ފިލްމީ އުދަރެހުގައި މަޝްހޫރު ފިލްމީ ތަރިން ބައިވެރިވާނެ ކަމަށް ވެސް އާމިރާ ވިދާޅުވި އެވެ.

"މާލޭގެ އެކި ސަރަހައްދުތަކުގައި ކާރާއި ސައިކަލު ފޮހުމާއި ގޭގެއަށް ގޮސް މަސައްކަތް ކޮށްދިނުން، މިސާލަކަށް ފަންކާ ފުހެލަ ދިނުން ވިޔަސް ނުވަތަ ރޮށި ފިހެލަ ދިނުން ކަމަށްވިޔަސް ތަށިތައް ދޮވެލަ ދިނުންވިޔަސް، ގާޒާއަށް އެހީތެރިވެދިނުމަށް އުޖޫރައެއް ނަގާ ގޮތަށް ކުރަން ހަމަޖެހިފައި އޮތީ،" އާމިރާ ވިދާޅުވި އެވެ.

ގޭގެއަށް ފިލްމީ ފިލްމީ ފަންނާނުން ގެންގޮސް މަސައްކަތެއް ކުރުވަން އެދޭ ފަރާތްތަކުން 9911000 އަށް ގުޅުމަށް ފިލްމު އެސޯސިއޭޝަނުން އެދެ އެވެ.

މާދަމާ މާލޭގައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށްފަހު ޖެހިގެން އަންނަ ދުވަހު ހަމަ އެގޮތަށް ހުޅުމާލޭގައި އެ ހަރަކާތް ހިންގުމަށް ނިންމާފައިވާ ކަމަށް އާމިރާ ވިދާޅުވި އެވެ. މީގެ ކުރިން މާލެ އަތޮޅު ގުޅި އާއި ތުލުސްދޫގައި ވެސް ފިލްމީ ފަންނާނުން ގޮސް މަސައްކަތް ކޮށްދީގެން ފައިސާ ހޯދުމުގެ ހަރަކާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވެ އެވެ.

އާމިރާ ވިދާޅުވީ އެ ހަރަކާތައް އެ ދެ ރަށުން ވެސް ލިބުނު ތަރުހީބު ބޮޑު ކަމަށާއި ރަށު ކައުންސިލުތަކާއި ޖަމިއްޔާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދިން ކަމަށެވެ.

މި ހަރަކާތްތަކުގެ އިތުރުން މި ހަފުތާގެ ހުކުރު ދުވަހު ފިލްމު އެސޯސިއޭޝަނާއި ސްޕޯޓްސް ފިޝިން ކޮމިއުނިޓީ ގުޅިގެން މަސްރޭހެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އެ އެސޯސިއޭޝަނުން ވަނީ ހުޅުވާލައިފަ އެވެ. މަސް ރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ވެސް 9911000 އަށް ގުޅައިގެން ބައިވެރިވެވޭނެ އެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ މަސް ރޭހުގައި ބާނާ ހުރިހާ މަހެއް އެރޭ ވިއްކުމަށްފަހު ލިބޭ ހުރިހާ ފައިސާއެއް ވެސް ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ އައިއޭސީ އަށެވެ.

އާމިރާ ވިދާޅުވީ މަސް ވިއްކުމުގެ ހަރަކާތް ވެސް ކުރިއަށް ގެންދާނީ ތަފާތު ގޮތަކަށް އިތުރު ހަރަކާތްތަކާ އެކު ކަމަށެވެ. މަސް ވިއްކުމަށް ހަމަޖައްސާ ސަރަހައްދެއް ފަހުން އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި