އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު 49 ބިލިއަން ފަހަނައަޅައި ނުދިއުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުކަމަށާއި އަދި އެއީ އެމަނިކުފާނު ނިންމެވި ގޮތްކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.
ގަވާއިދުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިއަދު އެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅަކީ ދައުލަތައް ލިބޭ އާމްދަނީއާއި ހަރަދުގެ ދެމެދުގައި ހުރި ފަރަގު ކުޑަ ކުރުން ކަމަށެވެ. އެގޮތުން އިންތިގާލީ ޓީމާއި އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ ވައުދުތައް ފުއްދަވައި ދެއްވުމާއި އެކުއެކީގައި މެދު ރާސްތާގައި ދައުލަތުގެ މާލީހާލަތައް ހުރި ގޮންޖެހުންތަކަށް ވިސްނަވައިގެން ބެޖެޓުގެ ކަންކަން ފަރުމާ ކުރެއްވުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"އެ ވިސްނުންފުޅުގައި ދައުލަތުގެ ދަރަންޏާއި، އަދި ހަމައެހެންމެ ދައުލަތަށް ލިބޭ އާމްދަނީއާއި ދެމެދު ހުރި ފަރަޤުތައް ކުޑަ ކުރެއްވުމުގެ ބޭނުންފުޅުގައި އެވިސްނުންފުޅުގައި އެމަނިކުފާނުގެ ނިންމެވުމަކީ 49 ބިލިއަނަށް ވުރެ 2024 ވަނަ އަހަރުގެ ބަޖެޓު ބޮޑު ނުކުރުން." ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފަރުމާ ކުރުމުގެ ތެރޭގައި އިންތިޤާލީ ޓީމަށް އޮތީ ޓީމަށް ލިބިގެން ދިޔައީ، ލިބުނު މުއްދަތާއި ބަލައި ހަނި ފުރުސަތެއް ކަން ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީއާއި އިންތިޤާލީ ކޮމެޓީ ގުޅިގެން މަސައްކަތަކެއް ކުރެވި، ބައެއް މަޝްރޫޢުތައް ހިމެނިފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދު ސަރުކާރުން ވަނީ އަންނަ އަހަރަށް 49.5 ބިލިއަން ރުފިޔާ ބަޖެޓެއް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުގައި ބަޖެޓު މަސައްކަތް ކުރިއަށް ނުދިއުމުން ބަޖެޓު ބަޔާން މަޖިލީހަށް ހުށަހެޅިފައި ނުވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.