މި ސަރުކާރުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ މިހެން ވިދާޅުވީ ވަގުތު ޓީވީގެ ތަފްސީލު ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައެވެ. އަނާރާ ވިދާޅުވީ މި ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ދެން އަންނަ ސަރުކާރަކުން ރަނގަޅުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަނާރާ ވިދާޅުވީ މި ސަރުކާރުން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ދިވެހިންގެ މިނިވަންކަން ނަގާލުމަކީ ހެދުނު ގޯހެއް ކަމަށާއި އެކަންވެސް ރަނގަޅުކުރަން އެބަޖެހޭ ކަމަށެވެ.
"ރައްޔިތުންގެ ވަރަށް ކަންބޮޑުވުމެއް އެއީ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުން. އިންޑިއާ ސިފައިން ތިބުމަކީ އެއީ ވަރަށް ނުރައްކާތެރި ކަމެއް. އެކަން އަޅުގަނޑަށް ވެސް ވަރަށް ބޮޑަށް ފާހަގަވި ކެމްޕެއިން ދުވަސްވަރު ރައްޔިތުން ސަރުކާރު ބަދަލު ކުރަން ބޭނުންވި އެއް ސަބަބު ކަމުގައިވި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން." އަނާރާ ވިދާޅުވިއެވެ.
އަދި ހަމައެއާއެކު ރާއްޖޭގެ ސިޔާދަތާއި، ދީން އަދި ބިން ވަރަށް މުހިންމު ކަމަށާއި އެއީ ދިވެހިންގެ މައިގަނޑު ދެ އަސާސް ކަމަށްވާތީ ކަމަށް އަނާރާ ވިދާޅުވިއެވެ.
"ރައްޔިތުންގެ އެހެނިހެން ހިތްހަމަ ނުޖެހުންވެސް އެބަހުރި. އެގޮތަށް އެކަން ހިނގާފައި އެވަނީ ރަނގަޅު އުސޫލުތަކެއް ނެތުމުން. ރަނގަޅު އިންތިޒާމެއް ނެތުމުން،" އަނާރާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ދަށަށް ދިޔަކަން ފާހަގަކުރައްވަމުން އަނާރާ ވިދާޅުވީ ބައެއް ދާއިރާތަކުގައި މަސްދޯނިތައްވެސް މަދުވެފައިވާ ކަމަށެވެ. ސަބަބަކަށް ވަނީ އެ ކަންކަމަށް ސަރުކާރުން ދޭންޖެހޭ ސަމާލުކަން ނުދިނުމުން ކަމަށް ބުނެ އަނާރާ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާއަތް ވެސް އަދި ރައްޔިތުންނަށް އާމްދަނީ ލިބޭނެ ކަންކަން ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި އަނާރާ ވަނީ ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.