ވިޔަފާރިކުރުމުގައި މަކަރު ހަދައި އޮޅުވާލައިގެން، އޮންލައިން ފައިސާ ޓްރާންސްފަރ ސްލިޕުން މަކަރު ހަދައި މިލިއަނެއްހާ ރުފިޔާގެ ފޭކު ބޭންކު ސްލިޕް ތައްޔާރު ކޮށްގެން ތިން ފިހާރައަކުން ވައްކަން ކުރި މީހަކު ފުލުހުން ހައްުޔަރުކޮށްފިއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގައި އިއްޔެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބޭންކެއްގެ ސްލިޕެއް ދައްކައި އޮޅުވާލައިގެން ގެންދިޔަ ތަކެއްޗާ އެކު އުމުރުން 47 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ އަތުން ފެނުނު ތަކެތީގެ އަގު މިލިއަނެއްހާ ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. ވިޔަފާރިކުރުމުގައި އޮޅުވާލައި މަކަރު ހަދައިގެން މިމިހާ ތިން ފިހާރައަކުން ހޯދާފައިވާ މުދާތަކުގެ ތެރެއިން ވެރިފަރާތް ހޯދިފައިވާ، ބައެއްތަކެތި، އެ ފަރާތްތަކާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ. އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.