މި ސަރުކާރުން އަޅަންފެށި 4،000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކުރިއިރު ހުރި މައްސަލަތައް ގޯސްވެ އެއީ "ބޮޑު އޮޅުވާލުމެއް" ކަމުގެ ތުހުމަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަމުން ދާއިރު، އެ މައްސަލަތައް ބަލައި އަވަސް ފިޔަވަޅެއް އަޅަންޖެހޭކަން ނުވަތަ ނޫންކަން މިއަދު ނިންމަން މަސައްކަތްކުރާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އިއްޔެ އާއްމުކުރުމާ އެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަންކަމާ ގުޅިގެން ބައެއް މީހުން ވަނީ، ޕޮއިންޓް ދިން ގޮތް ހާމަކުރަން ގޮވާލައި ޕްލޭނިން މިނިސްޓްރީ ދޮށަށް ވެސް އެއްވެފަ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓް ލިސްޓް އާއްމުކުރުމާ ގުޅޭ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.
އެ މައްސަލަތައް ދިރާސާ ކުރަމުންދާ ކަމަށާއި އަވަސް ފިޔަވަޅެއް އަޅަން ޖެހޭތޯ ބަލައި، މިއަދު ގޮތެއް ނިންމާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
މި ސަރުކާރުން ހުޅުވައިލި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި މީހުންގެ ތެރެއިން 13،000 މީހުންނަށް ފުލެޓު ލިބޭނެކަމަށް ކަނޑައަޅައި ރިޔާސީ އިންތިޚާބުގެ ތެރޭގައި ސަރުކާރުން އިއުލާނުކުރި ނަމަވެސް ފާއިތުވި 5 އަހަރު ތެރޭގައި މި ސަރުކާރަށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ގޮތުގައި ހިންގަން ފެށުނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅަމުންދާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތެވެ.
އިއްޔެގެ ވަގުތެއްގައި ސަރުކާރުންވަނީ އެ 4،000 ފުލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ. އާންމުކޮށް ދާއިމީ ލިސްޓު އާންމުކުރަނީ ވަގުތީ ލިސްޓެއް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު ނަމަވެސް އިއްޔެ ލިސްޓު އާންމުކުރީ އެ އިޖުރާއާތު ފުރިހަމަނުކޮށެވެ. ދާއިމީ ލިސްޓު އާންމުކުރިއިރު ސަރުކާރުން ބުނީ 3 ކޮޓަރީގެ ފުލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން 76 ޕޮއިންޓު ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށް އަދި 2 ކޮޓަރިއަށް ކުރިމަތިލީ މީހުންގެ ތެރެއިން 73 ޕޮއިންޓާއި އެއަށްވުރެ މަތިން ލިބުނު މީހުންނަށް ފުލެޓު ލިބޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ސުކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު 2022 ވަނަ އަހަރު އާންމުކުރިއިރު އެ އުސޫލުގައި މާކުސް ދިނުމުގައި ބަލާނެ ކަންކަން ބަޔާންކޮށްފައިވީ ނަމަވެސް ފުލެޓު ލިސްޓު އާންމުކުރިއިރު، ޕޮއިންޓު އާންމުކޮށްފައިވީ ނަމަވެސް ޕޮއިންޓު ދިނީ ކިހިނެއްކަން އެނގޭކަށް ނެތެވެ. ނަތީޖާއެއްގެ ގޮތުން އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވެއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި ފުލެޓު ލިސްޓުގައި ދީފައިވާ ޕޮއިންޓުތަކަކީ ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ފޯމުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދިން ޕޮއިންޓެވެ. އެ މައުލޫމާތަކީ ރަނގަޅު މައުލޫމާތުކަން ކަށަވަރުކުރަން މިނިސްޓްރީން ކަމެއް ކުރިކަމަށް އޭނާ ވިދާޅުނުވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.