ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ނުގެނެސްފިނަމަ އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ކުރުވާނެ ކަމުގެ އިންޒާރު އީރާނުގެ ދިފާއީ ވަޒީރު ދެއްވައިފިއެވެ.
އީރާނުގެ ދިފާއީ ވަޒީރު މުހައްމަދު ރިޒާ އަސްތިއާނީ ވިދާޅުވީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށާއި އެހެން ނޫންނަމަ ވަރަށް ބޮޑެތި ގެއްލުންތަކާ އެމެރިކާ ރައްޔިތުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމަ ފެށުނުފަހުން އީރާނުން އަންނަނީ އެމެރިކާއިން އެކަމަށް ހިތްވަރު ނުދިނުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަންނާނީ ވިދާޅުވީ އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަނީ އެމެރިކާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ ފުރިހަމަ ތާއީދު އޮތް އިސްރާއީލުގެ ޖިނާއީ އަމަލުތަކުން ދައްކުވައިދެނީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ނަފްރަތު އުފެއްދުމަށް އެމެރިކާއިން ކުރާ މަސައްކަތް ކަމަށެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ. އޭގެ ބަދަލުގައި ހަނގުރާމައަށް ވަގުތީ ހުއްޓުމެއް ގެނައިމަށް ވަނީ ގޮވާލާފައެވެ. އެއީ އަންމުން ސަލާމަތް ކުރުމުގެ ނަމުގައެވެ.
އެމެރިކާގެ ޕެންޓަގަން އިން ވަނީ އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އަށް އިތުރު ހަތިޔާރު ފޮނުވައި، ހުޅަނގު މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދަށް ކަނޑުގެ އަސްކަރީ ހަތިޔާރުތައް ފޮނުވައި އިސްރާއީލަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.