ގދ. ފިޔޯރީގެ އިހުތިސާސްގެ ތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކާޅެހުއްޓާއިން 429،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ޓޫރިޒަމް ޒޯނެއް ހެދުމަށް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް ކާޅެހުއްޓާއިން ޓޫރިޒަމް ޒޯނަށް ކަނޑައަޅާފައިވާ ބިން، 50 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި، ކުއްޔަށް ދޭ ސަރަހައްދުގެ ބޮޑުމިނުގައި 429،480 އަކަފޫޓު ހުންނާނެ އެވެ. ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް ހުށަހެޅޭނެ އެންމެ ދަށް އަދަދަކީ އަހަރަކަށް 0.5ރ. އެވެ. ކުއްޔަށް ދެނީ އެ ބިން އެއްކޮށެވެ.
ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޭ ކާޅެއްހުއްޓާ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 16 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ހުށަހަޅަން ވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 30 ގައި ކައުންސިލް އިދާރާގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ފިޔޯރި ކައުންސިލުން ހާމަކުރި ގޮތުގައި ކާޅެއްހުޓާ އަކީ އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އޮންނަ ތިން ފަޅުރަށުގެ ތެރެއިން ރަށާ އެންމެ ކައިރީގައި އޮންނަ ރަށް ކަމަށެވެ. ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދި އިރު، ކާޅެއްހުޓާގައި ދަނޑުވެރިކަމަށާއި ޓޫރިޒަމްގެ ބޭނުމަށް ބިން ކަނޑައެޅި ކަމަށްވެސް ބުންޏެވެ

ގދ. ފިޔޯރި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކާޅެހުއްޓާ: ޓޫރިޒަމްގެ ބޭނުމަށް އެ ރަށުން ބޮޑު ބިމެއް ދޭން ވަނީ ނިންމައިފައި.-- ފޮޓޯ: ވިޒިޓް ފިޔޯރި ފޭސްބުކް ޕޭޖު
ބޮޑުމިނުގައި 9.5 ހެކްޓަރު ހުންނަ އެ ރަށުގެ ބިމުން 5.6 ހެކްޓަރުގެ ސަރަހައްދެއް މި އަހަރުގެ ކުރީކޮޅުގައި އޯގެނިކް ފާމިން އަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ގދ. ފިޔޯރި އާއި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށްތައް: ޓޫރިޒަމްގެ ބޭނުމަށް އެ ރަށުން ބޮޑު ބިމެއް ދޭން ވަނީ ނިންމައިފައި.-- ފޮޓޯ: ވިޒިޓް ފިޔޯރި ފޭސްބުކް ޕޭޖު
ފިޔޯރީ ކައުންސިލުން ބުނިގޮތުގައި އެ ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާކޮށްގެން ރަށު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ތަނަސްވެ، ރަށަށް ވަންނަ އާމްދަނީ އިތުރު ކުރެވޭނެ އެވެ. ފިޔޯރީގެ ސާފިން ޕޮއިންޓާއި ޑައިވިން ޕޮއިންޓަކީ މިހާރު ވެސް ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަންތަނެވެ.
އެ ރަށާ ކައިރިން މަޑީގެ ބާވަތްތައް ވެސް ގިނަ އަދަދަކަށް ފެންނާތީ، އެއީ ލޯކަލް ޓޫރިޒަމަށް ވަރަށް ރަނގަޅު ސަރަހައްދެއް ކަމަށް ކައުންސިލް ރައީސް ގަބޫލުކުރައްވަ އެވެ. އަދި ފިޔޯރިއާ ކައިރީގައި އޮންނަ ގދ. ފަރެސްމާތޮޑާގައި އެއާޕޯޓެއް ހުޅުވުމުން ޓޫރިސްޓުނަށް ދަތުރުފަތުރުކުރުމުގައި ވެސް ކުރިއަށް ވުރެ ލުއިފަސޭހަ ވެއްޖެ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.