ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެނބުރި މާލެ ވަޑައިގެންފިއެވެ.

ޑރ. މުޢިއްޒު ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ، އަބޫދާބީއަށް ފުރާ ވަޑައިގެންނެވީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ހަމަޖައްސަވާފައިވަނީ ޔޫއޭއީގެ ސަރުކާރުންނެވެ. ނަމަވެސް މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފަހުން ޑރ. މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މީގެކުރިން މުއިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަކީވެސް ޔޫއޭއީގެ އެހީގައި ހިންގާ މަޝްރޫޢުއެކެވެ.