ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހްމަދު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
ސައުދުﷲ ކުރިއަށް އޮތް ދައުރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާނީ ގދ. ފަރެސްމާތޮޑާ ދާއިރާގެ ގޮނޑިއަށެވެ.
2009 ވަނަ އަހަރުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން އަންނަ ސައުދުﷲ އަކީ މިހާރުގެ ސަރުކާރު ނިސްބަތްވާ ޕާޓީ އެމްޑީޕީގެ މެންބަރެކެވެ. އެހެންނަމަވެސް ސައުދުﷲ މަޖިލީހުގައި ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ.
ފަރެސްމާތޮޑާގެ މަޖިލިސް ގޮނޑިއަށް ސައުދުﷲ އަމިއްލަ ގޮތުން ކުރިމަތިލައްވާއިރު، އެދާއިރާއަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އަޝްރަފު ރަޝީދު ވަނީ ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާކަން އިއުލާން ކުރައްވާފައެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީ އެމް/ ޕީއެންސީ ޓިކެޓުގައި ވާދަކުރާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރު ޖެނުއަރީ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
2024 ވަނައަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ، ޕީޕީއެމް/ޕީއެންސީ ފަދަ ޕާޓީތަކުން އެކި ފަރާތްތައް ވާދަކުރައްވާނެކަން އަންގައި އިއުލާން ކުރަމުންދާއިރު، ސައުދުﷲ އަހުމަދަކީ އަދި މިހާތަނަށް އަމިއްލަ ގޮތުން މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ ހަމައެކަނި ފަރާތްކަން ފާހަގަކޮށްލެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.