އިޒްރޭލުގެ އަނިޔާގައި ހަނާވަމުންދާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ށ. ފޭދޫ ސްކޫލުން ކުރިއަށް ގެންދިޔަ ބެޖު ވިއްކުމުގެ ހަރަކާތުން 112,200.42 ރުފިޔާ އެހީގެ ގޮތުގައި ހޯދައިފިއެވެ.

އެ ސްކޫލުގެ "މަދަދު" ޕްރޮގްރާމްގެ ތެރެއިން ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބެޖު ވިއްކުން ކުރިއަށް ގެންގޮސްފައިވަނީ 2023 ނޮވެންބަރު 02 ވަނަ ދުވަހުގެ 14:00 އިން ފެށިގެން 2023 ނޮވެންބަރު 05 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

ށ. ފޭދޫ ސްކޫލުގެ "މަދަދު" ޕްރޮގްރާމަކީ މި އަހަރުގެ ކުރީކޮޅު ތުރުކީ ވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި ގެދޮރު ފުނޑުފުނޑުވެ ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ފެށި ޕްރޮގްރާމެއްކަމަށް އެ ސްކޫލުން ބުނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުންނަށް މިފަދަ ބޮޑު ކަމެއް ދިމާވާ ޙާލަތްތަކުގައާއި ސްކޫލުގެ ދަރިވަރަކަށް ބޮޑު ކަމެއްދިމާވެ މާލީ އެހީތެރިކަމެއް ބޭނުންވާ ޙާލަތްތަކުގައި "މަދަދު" ޕްރޮގްރާމްގެ ދަށުން އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްކޫލުން ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ.

ބެޖު ވިއްކުމުގެ ޙަރަކާތަކީ "މަދަދު" ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދެވުނު 3 ވަނަ ޙަރަކާތްތަކެކެވެ. މި ހަރަކާތާއެކު "މަދަދު" ޕްރޮގްރާމުން 164,049.85 ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދެވިފައިވެއެވެ.