އޯކިޑް މަސްދޯންޏަށް އެހީތެރިކަންދީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، އެމްއެންޑީއެފުން ފަށައިފިއެވެ.
އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން، މަސްދޯންޏެއް ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯރތު ސްކޮޑްރަންއިން މިހާރު ވަނީ ފަށާފައެވެ.
މިއީ ގއ ގެމަނަފުށީ އޯކިޑް 707 ނަމަކަށް ކިޔާ، 111 ފޫޓުގެ މަސްދޯންޏެކެވެ. ދޯނި ބިންދައިގެން ދިޔައީ އަޑެއްކިޔާފައި މެދުންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ހާދިސާ ދިމާވީ ކަނޑުގަދަވެގެން ކަމަށްވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންދައިގެން ދިޔައިރު ދޯނި އޮތޯ ފުވައްމުލަކު ސިޓީއާ ގާތް ގަނޑަކަށް ވިއްސަކަށް މޭލު ބޭރުގައެވެ.
މިޙާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށާއި ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ޙާލު ރަގަޅުކަމަށް ވަނީ އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މިސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ހަރަކާތްތެރި ވަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ލިބިފައެވެ.
ނޯޓް: މީގެ ކުރިން ނޫހުން ގެނެސްދިނީ އެވަގުތު ގުޅުނު ތަންތަނުން ލިބުނު މައުލޫމާތުތަކެކެވެ. އެވަގުތު އެމްއެންޑީއެފާ ގުޅޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވުމުގެ ސަބަބުން ބައެއް މައުލޫމާތުތައް އޮޅުންވެފައި ހުރީތީ އެކަމަށް ނިހާޔަތަށް ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.