ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި މިއަދުގެ މަޣުރިބް ނަމާދު ކުރައްވައިފި އެވެ.

މި ނަމާދުގައި އިމާމު ވެ ނަމާދު ކުރެއްވީ އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރައްވާނެ ކަމަށް ބެލެވޭ، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން ވެސް ރައީސް ޑރ މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އިސްލާމް ދީނާއި ގައުމިއްޔަތަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވީ އިލްމާއި ހުނަރާއި އަހުލާގާއި ދީނާއި އުޅުންތެރިކަމާއި މަސައްކަތްތެރިކަމަށް ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުމަށް އެ މަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.