1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހިން ތިބީ ފަލަސްތީނާއެކު: ރައީސް ޑރ މުއިއްޒު

original_1700370290343
ފޮޓޯ:ރައީސްއޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
866ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އޭ. އެމް. އަބޫޢަލީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ސަފީރުގެ ނަންފުޅުގައާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ނަންފުޅުގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން އޮންނަ ހިފެހެއްޓުމެއްނެތް ތާއީދު ހާމަކުރައްވައި، އެމަނިކުފާނާއި އަދި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވާފައެވެ.

300 × 250

އަދި އެމަނިކުފާނު ވަނީ މިހާރު އިޒްރާއީލުން ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން ރައިސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުވެގެންދިއުމަށާއި، އެސަރަހައްދުގައި ޞުލްހައާއި ހަމަޖެހުން ގާއިމުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ފަލަސްޠީނުގެ ސަފީރު ވަނީ، ޣައްޒާގައާއި ފަލަސްޠީނުގެ އެހެނިހެން ސަރަޙައްދުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުންނާއި، އިޒްރާއީލުން ހިންގަމުންދާ އުދުވާންތަކާ ގުޅިގެން ކުރިމަތިވެފައިވާ ނާޒުކު ހާލަތާ ބެހޭގޮތުންނާއި، އެ ހާލަތުން އަރައިގަތުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމާއި އަދި ފަހިވާންޖެހޭ އިތުރު ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ފަލަސްޠީނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އެއްބާރުލުމާއި އަޚްވަންތަކަމުގެ ގުޅުންތައް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި