ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ފަރުވާދެވޭނެ އުމުރު ފުރައެއްގެ ގޮތުގައި ހެލެތް މިނިސްޓްރީން 16 އަހަރުންދަށް ކަނޑައަޅައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުޑަކުދިންގެ ޑޮކްޓަރުން ކުދިން ބެލުމުގައި އުމުރުފުރައެއްގެ ގޮތުގައި ސޯޅަ އަހަރު ކަނޑައެޅިނަމަވެސް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން އެ ޑޮކްޓަރެއްގެ ކޮންފިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފްނުވާ ގޮތެއްގެ މަތިން އެ އުމުރުފުރާ ކުދިންނާއި މީހުންނަށް ފަރުވާ ދިނުމުގައި ހުރަހެއް ނެތްކަމަށެވެ.

އަދި އެހެން ދާއިރާތަކުން ތަމުރީނުވެގެން ތިބި ޑޮކްޓަރުންނަކީ އެދާއިރާއަކުން ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރުން ކަމަށް ނުވިނަމަވެސް އެ ޑޮކްޓަރެއްގެ ކޮންފިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފްނުވާ ގޮތެއްގެ މަތިން 16 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދެވިދާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ހެލްތް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލްތައް އެއްގޮތް ކުރެވިފައި އޮތުމަކީ މުހިއްމު ކަމެއްކަމަށް އެ މިނިސްޓްރީން ދެކޭ ކަމަށެވެ.

ހެލްތް މިނިސްޓްރީން މީގެ ކުރިން، ކުޑަކުދިންގެ ޑޮކްޓަރުންނަށް ފަރުވާދިނުމަށް ވަކި އުމުރުފުރާއެއް ކަނޑައަޅާފައެއް ނުވެއެވެ.