ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން، ގދ. ތިނަދޫގައި ތަރައްގީ ކުރި އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ކެމްޕަސް ހިންގުމަށް އެ ޔުނިވާސިޓީއާ ހަވާލުކޮށްފިއެވެ.
ތިނަދޫ އިސްލާމީ މަރުކަޒަކީ މާލޭ އިސްލާމީ މަރުކަޒާއި އެއްވިސްނުމެއްގައި ފަރުމާކޮށްފައިވާ މަރުކަޒެކެވެ. 60 ހާސް އަކަފޫޓު ބިމެއްގައި އެ މަރުކަޒު އަޅާފައިވަނީ މިސްކިތުގެ މަލަމަތި ރީތިވާގޮތަށް ތިނަދޫ ހުޅަނގު ފަރާތުގައެވެ.
އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ އެއްފަހަރާ ސަތާރަސަތޭކަ މީހުންނަށް ނަމާދުކުރެވޭގޮތަށެވެ.
މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އައިޔޫއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ، އަލީ ޒާހިރެވެ.
އެ މަރުކަޒު އިސްލާމީ ޔުނިވާސިޓިއާ ހަވާލުކޮށްފައި ވަނީ 10 އަހަރުގެ މުއްދަތަކަށެވެ.
އެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އައިޔޫއެމްގެ މަސައްކަތްތައް ފުޅާކޮށް، ކަންތައްތައް ހަރުދަނާ ކުރުމާއި، އެ ޔުނިވާސިޓީއަށް އާ އިމާރާތެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މެނިފެސްޓޯގައި ހިމަނުއްވާފައި ކަންތައްތަކެއް ކަމަށާއި، އެމަނިކުފާނުގެ ވަރަށް ބޮޑު ތަސައްވަރެއް މި ޔުނިވާސިޓީއާ މެދު އެބަ އޮތް ކަމަށެވެ.
ދެ ފަންގިފިލާއަށް ތަރައްގީކޮށްފައިވާ އިސްލާމީ މަރުކަޒުގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ފަރުމާކޮށްފައިވަނީ ކޮންފަރެންސް ހޯލަކާއި، ހަތަރު ކްލާސް ރޫމާއި، ލައިބްރަރީއަކާއި، އެޑްމިން އޮފީހެއްގެ އިތުރުން އަންހެނުންނާއި ފިރިހެނުންނާއި، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވުޟޫޢުކުރެވޭނެ އިންތިޒާމްތަކާއިއެކުއެވެ. މީގެއިތުރުން ޕޭންޓްރީ ރޫމަކާއި، ދެ ސްޓޯރޫމާއި، އިކުއިޕްމެންޓް ރޫމެއްވެސް މި ފަންގިފިލާގައި ހިމަނާފައިވެއެވެ.
އެ އިމާރާތުގެ ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މީގެއިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީހަކާއި، އިކުއިޕްމަންޓް ރޫމެއް މި ފަންގިފިލާގައި ހުރެއެވެ.
ގ.ދ ތިނަދޫ އިސްލާމީ މަރުކަޒަކީ ސަޢުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމި މަސައްކަތެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.