މަސް ކިރުމަށްފަހު މަސްވެރިންނަށް ނުދީ ހުރި ފައިސާތައް ދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މަސްވެރިކަމާއި ގުޅޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ނުވަތަ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޗެނަލް ތޭރައިގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިން އަތުން މަސް ގަތުމަށްފަހު މިފްކޯއިން މަސްވެރިންނަށް ފައިސާ ނުދޭތާ 2 މަސް ދުވަސްވަރުވެފައިވާ ކަމަށެވެ.
އަދި ސަރުކާރު ކޭޝް ފްލޯވެސް ދަށްވެފައިވުމުން މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގައި ހުރަސްތަކެއް ކުރިކަން ވަޒީރު ފާހާގަކުރެއްވިއެވެ.
މަސް ކިލޯއެއް ގަންނަ އަގު17 ރުފިޔާއިން25 ރުފިޔާއަށް ބޮޑުކުރީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މަހުގެ އަގު ބޮޑުކުރީ، ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ22 ޕަސެންޓް ޑިއުޓީ ކަނޑާލަން ސަރުކާރާއި ޔޫރަޕިއަން ޔޫނިއަންއާއެކު ކުރެވުނު ގިނަ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށް ގެންދެވިފައި ވާތީކަމަށް ބުނެއެވެ.
މި ސަރުކާރުގެ މެނިފެސްޓޯގައިވާގޮތުން މަސް ގަންނަ އަގު ކިލޯއަކަށްވުރެ 20 ރުފިޔާއަށްވުރެ ދަށް ނުކުރާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ އިންތިހާބާއި ދިމާކޮށް ކަމަށާއި، އަދި މިބަދަލާއި އެކު މަސްވެރިންނަށް މިހާރު ފައިސާ ނުލިބި ހުރުމުން މަސްވެރިންނަށް ވަނީ ގިނަ ދަތިތަކާއި ކުރިމަތިވެފައިކަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކުރުމާއި އެކު މަސް ގަންނަ އެހެން ކުންފުނިތަށްވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާއަތަށް ރަނގަޅު ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.