ޕީޕީއެމް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކުގައި ކަމަށާއި އެ މަނިކުފާނުގެ ހިމާޔަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ. 

"ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާއަތް ގުޅައިގެން މި ތިބި ސަފުތަކުގައި ކެރުމާއި އިހުލާސްތެރިކަމާ އެކު ސާބިތުވެ ހުރެ، ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒުއާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ގޮވާލަން،" ޣައްސާން މައުމޫން އެކްސް ގައި ވިދާޅުވިއެވެ.

ޔާމީން ޕީޕީއެމް ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން އިއްޔެ ނިންމެވުމާ ގުޅިގެން މި ސަރުކާރުގެ ބައެއް އެހެން މިނިސްޓަރުން ވެސް އަންނަނީ ރައީސް ޑރ މުއިއްޒަށް އޮތް ތާއީދު ހާމަކުރައްވަމުންނެވެ. 

ޕީޕީއެމް އޮތީ ރައީސް، މުއިއްޒު އާއި އެކީ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، ޕީޕީއެމް އޮތީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެގޮތުން ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންގެ ހިޔާލުތަފާތުވުންތަކެއް އުޅޭއިރު، ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އެޕާޓީ ދޫކުރައްވައި އާޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.